ޚަބަރު

ދައުރު ނިންމަވާލެއްވުމުގެ ކުރިން ޑރ.ޕޫނަމް ކެތްރަޕާލް ރާއްޖެއަށް


ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރަޕާލް ސިންގް ރާއްޖެ ވަޑައިގެންފިއެވެ. ޑރ.ޕޫނަމް ކެތްރަޕާލްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުކަމުގައި އެކަމަނާ ހުންވާ އެންމެ ފަހު އަހަރަށްވުމާއިއެކު، ރާއްޖެއަށް މި ކުރައްވާ ޒިޔާރަތަކީ ވަރަށް ޚާއްސަ ޒިޔާރަތެއްކަމަށެވެ.

މި ދަތުރުފުޅުގައި ޑރ.ޕޫނަލް ކެތްރަޕާލް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް އާއި ސިއްޙީ ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި ޔޫ.އެން އެޖެންސީތަކުގެ އިސް ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުކަމުގެ މަޤާމަށް އެކަމަނާ އައްޔަންކުރެއްވީ 2014ވަނަ އަހަރުއެވެ. އަދި 2018ވަނަ އަހަރު، 5 އަހަރުގެ އިތުރު ދަޢުރަކަށް ހޮވިވަޑައިގެންނެވިއެވެ.

އެކަމަނާގެ ދަޢުރުގައި ރާއްޖެއަށް ސިއްޙީ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ކޯވިޑް 19ގެ ޙާލަތާއި، އަދި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް އިތުރަށް ފުޅާކޮށްދެއްވުމަށްވެސް އެކި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.