ފަރަންސޭސި ވިލާތުގެ ލިޔޯންގެ ރަށެއް ކަމުގައިވާ ވޮއަވްލާންގެ ޢިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެއެވެ. ފަސް ކުޑަކުދިން ވެސް މަރުވި މި ހާދިސާ ހިނގާފައި ވަނީ ވޮއަވްލާންގައި ހުންނަ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތެއްގައެވެ. ޢިމާރާތުގައި ރޯވެފައި ވަނީ، އެ ތަނުގައި ދިރިއުޅޭ މީހުން ނިދާފައި ތިއްބާ، ފަތިހުގެ ވަގުތުގައެވެ.
މި ހާދިސާ ހިނގާފައިވާ ޢިމާރާތަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުން ކުރާ ޢިމާރާތެއް ކަމުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ޖެރާލްޑް ޑާރްމަނިން ވިދާޅުވިއެވެ. މަންޒަރު ފެނުނު މީހުން ބުނީ، ޢިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން އެ ތަނަށް ދިޔަ ފުލުހުން، ޢިމާރާތުގެ އެއް ދޮރު ބަންދު ކުރި ކަމުގައެވެ. މި ހާދިސާ ހިނގާފައިވާ ޢިމާރާތަކީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ޤާއިމު ކޮށްފައިވާ ޢިމާރާތެއް ނޫނެވެ.
ލިޔޯންގެ ފުލުހުން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ފަށާފައެވެ. އަދި، ގަސްދުގައި ޢިމާރާތުގައި ބަޔަކު ހުޅު ޖަހާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޢިމާރާތުގައި ރޯވާން މެދުވެރިވި ސަބަބު، އަދި ދެނެގަނެވިފައެއް ނުވެއެވެ.
ޢިމާރާތުގައި ރޯވި އަލިފާން ގަނޑުގެ ތެރެއަށް ވަދެ، އަލިފާން ނިއްވާ މީހުންގެ ޓީމުތަކުން ވަނީ، އެ ތަނުގައި ބަންދުވެފައިވާ ބައެއް މީހުން ސަލާމަތް ކޮށްފައެވެ. މި ގޮތުން، 15 މީހުން ސަލާމަތް ކޮށްގެން ބޭރަށް ނެރެފައިވާ ކަމުގައި ލިޔޯންގެ އަލިފާން ނިއްވާ ޓީމުތަކުން ބުނެއެވެ. މި ހާދިސާގައި 24 މީހަކު ޒަޚަމުވި ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ ހާލަތު ސީރިޔަސް ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފުރަތަމަ އަލިފާން ރޯވެފައި ވަނީ ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައެވެ. އަދި، އަލިފާންގަނޑު ނިއްވައިލެވުނީ، 180 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ކުރި މަސައްކަތުންނެވެ. އަލިފާންގަނޑުން ސަލާމަތްވުމަށް ބައެއް މީހުން ކުޑަދޮރުތަކުން ބޭރަށް ފުންމައިލާފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އޭގެ ތެރެއިން ބައެއް މީހުން ހިމެނޭ ކަމުގައި ވެސް ލިޔޯންގެ އޮފިޝަލުން ބުނެއެވެ.
މި ހާދިސާ ހިނގި ޢިމާރާތަކީ 38 ޢާއިލާއެއް ދިރިއުޅެމުން ދިޔަ ޢިމާރާތެކެވެ. އެ ތަނަކީ 2019ވަނަ އަހަރު މަރާމާތު ކޮށްފައިވާ ޢިމާރާތެއް ކަމަށާއި، މި ހާދިސާއާ ގުޅިގެން 100އަށްވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ ކަމުގައި ފަރަންސޭސި ވިލާތުގެ ހައުސިންގ މިނިސްޓަރ އޮލިވިއަރ ކްލައިން ވިދާޅުވިއެވެ. ހާލުގައި ޖެހުނު މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ވޮއަވްލާންއަކީ ފަރަންސޭސި ވިލާތަށް ހިޖުރަ ކޮށްފައިވާ މީހުން ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ އާބާދީގެ 33 އިންސައްތަ މީހުން ދިރިއުޅެނީ ފަގީރު ކަމުގައެވެ. 2000ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސި ސަރުކާރުން ވަނީ އެ ރަށް މަރާމާތު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައެވެ.