ޚަބަރު

ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ނުކުރާނަން: ރަޝިޔާ


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ބަޔޮލޮޖިކަލް ހަތިޔާރެއް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައި އެ ޤައުމުގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ކޮންސްޓަންޓީން ވޮރޮންސްޓޮފް މި ކަމުގެ ޔަގީންކަން ދެއްވާފައި މި ވަނީ، ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ވޮރޮންސްޓޮފް ވިދާޅުވީ، ރަޝިޔާއިން ސޮއިކޮށްފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކަށް އެ ޤައުމުން ފުރިހަމައަށް އިޙުތިރާމު ކުރާނެ ކަމުގައެވެ. އަދި، ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ބަޔޮލޮޖިކަލް ހަތިޔާރެއް ބޭނުން ކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި އޭނާ ވިދާޅުވީ، އެ ފަދަ ބިރެއް ނެތް ކަމުގައެވެ.

"ރަޝިޔާގެ އަސްކަރިއްޔާއިން ބަޔޮލޮޖިކަލް ހަތިޔާރެއް ބޭނުމެއް ނުކުރޭ. އަސްކަރިއްޔާގެ ބާރުގެ ދަށުގައި އެ ފަދަ ހަތިޔާރެއް ނުވެސް ހުންނާނެ. އެ ދާއިރާއިން ދިރާސާ ކުރަނީ ސުލްޙަވެރި ބޭނުންތަކަށް އެކަނި. އޭގެ ބޭރުން އެއްވެސް ކަމެއް ރަޝިޔާއިން ނުކުރާނެ،" ވޮރޮންސްޓޮފް ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ސްވިޓްޒަލެންޑުގެ ޖެނީވާގައި ކުރިއަށްދިޔަ ބަޔޮލޮޖިކަލް ހަތިޔާރާ ގުޅޭ ބައްދަލުވުމެއްގައެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ރަޝިޔާއިން އެ ފަދަ ހަތިޔާރެއް ބޭނުން ކޮށްފާނެ ކަމަށް އަޑު ފަތުރަމުން ދަނީ އެމެރިކާއިންނެވެ. އަދި، އެމެރިކާގެ ބޭނުމަކީ، އެ ޤައުމުން ޔޫކްރެއިނުގައި ހިންގަމުންދާ ނުރައްކާތެރި އަމަލުތައް ފޮރުވުން ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާއިން ދަނީ އެމެރިކާއާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި، ޔޫކްރެއިނުގެ އަސްކަރިއްޔާއާ ގުޅިގެން ބަޔޮލޮޖިކަލް ހަތިޔާރެއް އުފައްދަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ. އަދި، އޮކްޓޫބަރު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ މި ކަން ތަހުޤީޤު ކޮށްދިނުމަށް އެދި އ.ދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.

އެމެރިކާއިން މި ފަދަ ކަންކަން ކުރަމުންދާ މައްސަލަ ދޫކޮށްލެވެން ނެތް ކަމުގައި ޖެނީވާގައި ހުންނަވާ ރަޝިޔާގެ ސަފީރު ގެނާޑީ ޖެޓިލޮފް ވިދާޅުވިއެވެ. އަދި، އެމެރިކާގެ މި ފަދަ އަމަލުތަކަކީ ރަޝިޔާގެ ރައްޔިތުންނާއި އެ ޤައުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ޔޫކްރެއިނުގެ އިތުރުން އެ ސަރަޙައްދުގައިވާ އެހެން ޤައުމުތަކާ ގުޅިގެން ވެސް އެމެރިކާއިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.