ޚަބަރު

އަލިފާނުގެ ހާދިސާގައި މީހަކު ގެއްލިގެން ހޯދަނީ


ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގުޅީފަޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރޯވެފައި ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ އެކޮމަޑޭޝަން ބްލޮކުގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މުޅި ތަން ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދާފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެފްކޮންސް ކުންފުނިން ބުނީ އެތަނުގައި 457 މުވައްޒަފުން ތިބި ކަމަށެވެ. އަދި ހާދިސާއަށް ފަހު ހެޑްކައުންޓް ބެލި އިރު އޭގެ ތެރެއިން އެކަކު މަދުކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން ބެލި ބެލުމުން އެ ސަރަހައްދުން ހަށިގަނޑެއް ނުވަތަ އިންސާނެއްގެ އެއްވެސް ހިލަމެއް ވެފައި ނުވާކަން އެމްއެންޑީއެފުން އެ ކުންފުންޏަށް ކަށަވަރުކޮށްދިފައިވާކަމަށް ބުނެއެވެ.

ފުލުހުން ވިދާޅުވީ އެފްކޮންސްގެ ފަރާތުން އެކަން ރިޕޯޓުކޮށްފައިވާ ކަމަށާއި، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހުރިހާ މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދީފައި

މި ހާދިސާގައި ވަރަށް ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާވެ، ފަރުވާދީފައިވާއިރު އެފްކޮންސް އިން ބުނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވަނީ ޖުމްލަ 78 މީހަކަށް ކަމަށެވެ. އޭގެ ތެރެއިން 34 މީހުންނަކީ އެޑްމިޓްކޮށްގެން ފަރުވާދިން މީހުންކަމަށާއި އަދި 24 މީހަކަށް ލިބިފައިވަނީ ކުދި އަނިޔާ ކަމަށެވެ. އަދި ބޮޑެތި އަނިޔާތަކުގެ ސަބަބުން ސަރޖަރީ ހަދަން ޖެހުނީ 4 މީހެއްގެ ކަމަށެެވެ. އަދި 28 މީހަކު ފިޔަވައި އެހެން އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް އައުނައުނާއި، ޒަރޫރީ ބޭނުންތައް ފުއްދާނެ ތަކެތި އަދި ވަގުތީ ބޯހިޔާވަހިކަމާއި، ފޯނު އަދި ފައިސާގެ އެހީވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެފްކޮންސްއިން ބުނީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަމަކީ ކުންފުނީގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. އެގޮތުން މިހާތަނަށް އެއްވެސް މުވައްޒަފެއްގެ މުސާރައެއް ނުދީ ނޯންނާނެ ކަމަށާއި، މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ވާނީ ދީފައި ކަމަށެވެ. މީގެ އިތުރަށް އެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި މި ހާދިސާގެ މަޢުލޫމާތު ލިބުނީ ބުރާސްފަތި ދުވަހުގެރޭ 12:36 ހާއިރުއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ އެ ރޭ 01:52 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މި އަލިފާންގަނޑު ނިއްވާލެވުނު އިރު އެ ތަން އެއްކޮށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.