ޚަބަރު

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ


ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ އަކީ މިއަދު މެންދުރު 14:30 ހާއިރު ސިނާމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓު ހިނގުމާއި ގުޅިގެން އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:00 ޖަހާކަންހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް އެކްސިޑަންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެ އެކްސިޑަންޓު ހިގާފައިވަނީ ދެ ސައކަލު ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 23 އަހަރުގެ އަންހެނެއް ކަމަށާއި، އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސު ނެތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.