ޚަބަރު

މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް، ނަންބަރަކީ 1671


ފުވައްމުލައް ސިޓީގައި، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ކޯލް ސެންޓަރު ހުޅުވިގެން ދިޔުމަކީ ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އެ ސިޓީގެ ޒުވާނުންނަށް ފަހިވެގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ކޯލް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި މޯލްޑިވިއަންގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޤައުމީ އެއަރލައިން 'މޯލްޑިވިއަން'ގެ ކޯލް ސެންޓަރުގެ ޚިދުމަތް ފުވައްމުލަށް ސިޓީއަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރުވެސް، ވަޒީފާގެ ފުރުސަތު ހޯދުމަށާއި އެފަދަ ފުރުސަތު ފަހިކޮށް ދިނުމުގައިވެސް އެންމެ ގޮންޖެހުން ބޮޑު އެއްރަށަކީ ފުވައްމުލައްކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ފަތުރުވެރިކަން ކުރެވޭނެ ފަޅުރަށްތަކާއި ގިރިތައް ފަދަ ގުދުރަތީ ވަޞީލާތްތައް ނެތުމެވެ.

އެހެންކަމުން ފުވައްމުލަކުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ތަފާތު ވިސްނުމެއް ގެންގުޅެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބަރުއަޅުއްވާ އެއްކަމަކީ މަރުކަޒުކުރެވިފައި ހުރި ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްރަށަށް ބަދަލުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކުގައި ހުޅުވިގެން ދިޔުމަކީ އޭގެ ހެއްކެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވިއެވެ.


"ފުވައްމުލަކަކީ ރާއްޖޭގެ އެހެން ހުރިހާ ރަށަކާއި ތަފާތު ރަށެއް. ކައިރީގައި ފަޅުރަށެއް، ފަޅެއް، ގިރިއެއްހާހިސާބުވެސް ނެތް. އެފަދަ ރަށެއްގައި މިފަދަގޮތަކަށް ޚިދުމަތެއް ޤާއިމުވެ ވަޒީފާ ލިބިގެންދިޔުމަކީ މިރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ޤައުމީ އެއަރލައިންގެ ޚިދުމަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ރާއްޖޭގައި ފަހުގެ ތާރީޚަށް ބަލާއިރު ގިނަ އެއަރޕޯޓުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށެވެ. އަދި ގިނަ އެއަރޕޯޓުތަކެއް ތަރައްޤީކުރަމުން އަންނައިރު ޤައުމީ އެއަރލައިންގެ ފްލީޓުވެސް ބޮޑުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ޢާއްމުންނަށް އަމާޒުކޮށް ޚިދުމަތްދޭ ބަޔަކަށް ޤައުމީ އެއަރލައިންވާއިރު، ޚިދުމަތް ފުޅާކުރުމަށް އެއެއަރލައިނުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިލްތިމާސްކުރެއްވިއެވެ.

ފުވައްމުލައް ސިޓީގައި ޤާއިމުކުރި މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ޓިކެޓިންގ ކޯލްސެންޓަރުގައި މަސައްކަތްކުރުމަށް ފުވައްމުލަކަށް ނިސްބަތްވާ 13 މުވައްޒަފުންވަނީ ތަމްރީކޮށްފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9 އަކުން ރޭގަނޑު 8 އަށް ކޯލްސެންޓަރުގައި ޚިދުމަތް ލިބޭނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމައަށް ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އެއެއަރލައިނުން ވިދާޅުވިއެވެ. ކޯލް ސެންޓަރުގެ ޚިދުމަތް ދިނުމަށް 1671 ގެ ޝޯޓް ކޯޑް ނަމްބަރެއްވެސް މޯލްޑިވިއަންއިންވަނީ ތަޢާރަފްކޮށްފައެވެ.