ޚަބަރު

76 މީހަކު ފިހުނު، 6 މީހެއްގެ ހާލު ސީރިއަސް


ގުޅިފަޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 6 މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ގުޅިފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައެވެ. މިތަނަކީ ވިލިމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުން ތިބޭ ތަނެވެ.



ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާވި 76 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ. އޭގެތެރެއިން 63 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އެމީހުންގެ ތެރެއިން 6 މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާދު ފުލުހުންނަށް ލުބުނީ ރޭ 12:36 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ހާދިސާއާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

މި އެކެމަޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުހގެ ހާދިސާ ހިނގަން މެދުވެރި ސަބަބެއްއަދި ސާފުނުވާކަމަށާއި، އެކަން ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށެވެ.