ޚަބަރު

ވަރުންގެ ކުރިއަށް އޮތް ފިލްމަކީ "5 މިނިޓް ކާ ސުޕަހީރޯ"


ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކީ އެކްޓަރު ވަރުން ދަވަން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓްކޮށްފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ނަމަކީ "5 މިނިޓް ކާ ސުޕަހީރޯ" އެވެ. އަދި މި ފިލްމުގައި ކިޔައިދޭނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ އެ ބާރުތައް ފަސް ވަރަކަށް މިނިޓްގެ ތެރޭގައި ގެއްލުމުން ދެން ދިމާވާ ކަންތައްތަކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިއީ ޑައިރެކްޓަރު އަނީސްގެ ޑްރީމް ޕްރޮޖެކްޓެކެވެ. އަދި ފިލްމުގެ ޕްލޮޓް ވަރުން އަށް ކިޔައިދިނުމުން އެއަށް އޭނާ ވަނީ ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެވެ. އެހެންވެ "5 މިނިޓް ކާ ސުޕަހީރޯ" ގެ ސްކްރިޕްޓް އެއްކޮށް ނިންމާލުމަށް ފަހު، މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިޢުލާން ކުރާނެއެވެ.

އާންމުކޮށް ކޮމެޑީ ފިލްމުތައް ގެނެސްދޭ އަދި މިހާތަނަށް އެތައް ފިލްމެއް ހަދާފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލްބުލައްޔާ 2" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ވަރުން އަށް ހުށަހަޅާފައިވާ ފިލްމުގެ އިތުރަށް އަނީސް އަންނަނީ ޝާހިދު ކަޕޫރާއި އެކީގައި ވެސް ކޮމެޑީ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އަދި އޭގެ ޝޫޓިން އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފަށާނެއެވެ.

ވަރުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ބޭޅިޔާ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ޖާންވީ ކަޕޫރާ އެކީ އަންނަ އަހަރުގެ އެޕްރީލް 7 ވަނަ ދުވަހަށް ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ބަވާލް" އިންނެވެ.