ޚަބަރު

"އެކްޓަރުންނާއި ޑައިރެކްޓަރުންގެ ފީ ބޮޑުވުމަކީ ހިންދީ ފިލްމުތައް ފްލޮޕްވާ ސަބަބެއް"


ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ މިއަހަރުގެ ފިލްމު "އާރްއާރްއާރް" އަކީ ބްލޮކްބާސްޓާ އެކެވެ. އެ ފިލްމަށް ހުޅަނގުގެ ޤައުމުތަކުންވެސް އަންނަނީ ތައުރީފް ކުރަމުންނެވެ. ގޯލްޑަން ގްލޯބްސް އެވޯޑަށް ނޮމިނޭޓްވެ، އަންނަ އަހަރުގެ އޮސްކާ އަށްވެސް މި ފިލްމު ނޮމިނޭޓް ވާ އަޑު ވަނީ ފެތުރިފައެވެ.

ނަމަވެސް ގިނަ ހިންދީ ފިލްމުތަކެއް ވަނީ މިއަހަރު ފެއިލްވެފައެވެ. އުންމީދު ކުރި ވަރަށްވުރެ މާ ދަށްކޮށް އާމްދަނީ ލިބި ބައެއް ފިލްމުތައް ވަނީ ބޮޑު ފްލޮޕަކަށް ވެފައެވެ. މީގެ ތެރޭގައި ބޮލީވުޑްގެ އޭ ލިސްޓުގައި ގުނާލެވޭ ބައެއް ސްޓާރުންގެ ފިލްމުތައްވެސް ހިމެނެއެވެ. "ބޫލްބުލައްޔާ 2"، "ދަ ކަޝްމީރު ފައިލްސް"، "ގަންގޫބާއީ ކާތިއާވާޅީ"، "ދްރިޝަޔަމް" އަދި "ބްރަމަސްތްރާ" އަކީ ކާމިޔާބު ފިލްމުތައް ނަމަވެސް އުންމީދު ކުރި ވަރުގެ ކާމިޔާބެއް އަދި އާމްދަނީއެއްވެސް މި ފިލްމުތަކަކުން ނުލިބެއެވެ.

ހިންދީ ސިނަމާގައި މިއަހަރު ގޯސްވެގެން ދިޔަ ކަންކަމާއި މެދު ރާޖަމޯލީ ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ބުނިގޮތުގައި ބޮކްސް އޮފީހުގައި ފިލްމުތައް ރަނގަޅުވުމުން ފިލްމުތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމިއްލަ ހިތް ހަމަޖެހުމެއް ލިބެއެވެ. އަދި އެކްޓަރުންނާއި ޑައިރެކްޓަރުންނަށް ބޮޑު އަގެއް ދޭން ޖެހުމުން ފިލްމުތައް ކާމިޔާބު ކުރާކަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށް ރާޖަމޯލީ ބުންޏެވެ.

ރާޖަމޯލީ އަށް މިއަހަރަކީ ކާމިޔާބު އަހަރެކެވެ. އުފާފާޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އޭނާއަށް އެބަހުއްޓެވެ. "އާރްއާރްއާރް" ވަނީ 2023 ވަނަ އަހަރުގެ މަޝްހޫރު ގޯލްޑަން ގްލޯބްސް އަށް 2 ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މި ފިލްމް ވަނީ އެންމެ މޮޅު ފިލްމު – އިނގިރޭސި ބަސް ނޫން ކެޓަގަރީން ނޮމިނޭޓްވެފައެވެ. ދެވަނަ ނޮމިނޭޝަނަކީ އެންމެ މޮޅު އޮރިޖިނަލް ލަވަ – މޯޝަން ޕިކްޗާ ކެޓަގަރީއަށް ނޮމިނޭޓްވި އާރުއާރުގެ ލަވަ 'ނަޓޫ ނަޓޫ' އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ އޮސްކާ އަށް ވާދަކުރުމަށް 15 ކެޓަގަރީއަކަށް ވެސް "އާރުއާރު" ވަނީ ހުށަހަޅާފައެވެ. އެ ކެޓަގަރީތަކުގެ ތެރޭގައި އެންމެ މޮޅު މޮޝަން ޕިކްޗާ، އެންމެ މޮޅު ޑައިރެކްޓަރު (އެސްއެސް ރާޖަމޯލީ)، އެންމެ މޮޅު އެކްޓަރު (ރާމަ ޗަރަން އަދި ޖޫނިއާ އެންޓީއާރް)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަޖޭ ދޭވްގަން)، އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް (އާލިއަ ބަޓް)، އެންމެ މޮޅު އޮރިޖިނަލް ލަވަ ('ނާޓޫ ނަޓޫ') ހިމެނެއެވެ. އަދި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ (ރާޖަ މޯލީ، ވިޖެޔަންދަރް ޕްރަސާދް، ސައި މާދަވް)، އެންމެ މޮޅު އޮރިޖިނަލް ސްކޯ (އެމް.އެމް. ކީރަވާނީ)، އެންމެ މޮޅު ފިލްމު އެޑިޓިން (ސްރީކަރ ޕްރަސާދު)، އެންމެ މޮޅު އަޑު، އެންމެ މޮޅު ސިނަމެޓޮގްރަފީ، އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން، އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު މޭކަޕް އަދި ހެއާސްޓައިލިން، އަދި އެންމެ މޮޅު ވިޝުއަލް އިފެކްޓްސްގެ ކެޓެގަރީއަށްވެސް ހުށަހަޅާފައިވެއެވެ.