ޚަބަރު

16 އަހަރުގެ ޖަނާގެ ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެއްޖެ


އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހިންގި އުދުވާންތަކެއްގައި ޝަހީދުކޮށްލާފައިވާ 16 އަހަރުގެ ޖަނާ ޒާކާރްނާގެ ޖަނާޒާ ބާއްވައިފިއެވެ. ޔަހޫދީންގެ ސިފައިން ޖަނީންގައި ހިންގި އުދުވާންތަކުގައި ޖަނާ ޝަހީދު ކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ޓެރެސްގައި ހުއްޓައި ސްނައިޕަރ ބަޑި ބޭނުންކޮށްގެން ދިން ހަމަލާތަކެއްގައެވެ.

އިސްރާޢީލު ސިފައިން ޖަނާއަށް ހަމަލާދީ އޭނާ ޝަހީދުކޮށްލާފައި ވަނީ އޭނާ އެކަނި ޓެރެސްގައި ހުރި ވަގުތެއްގައި ކަމަށް އޭނާ ޢާއިލާއިން ބުނެއެވެ. އަދި، ޖަނާ ޓެރެސްއަށް އަރާފައި ވަނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ހޯދުމަށް ކަމުގައި ވެސް ޢާއިލާއިން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ޔަހޫދީންގެ ސިފައިންނަށް ނުރުހުން އަމާޒުވުމުން، ޖަނާއަށް ހަމަލާދެވިފައި ވަނީ އޮޅުމަކުން ކަމުގައި ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނާ އިސްރާޢީލު ސިފައިންނާ ދެމެދު އެ ވަގުތު ހަމަލާ ބަދަލުކުރަމުން ގޮސްފައިވާ ކަމައި ވެސް ޔަހޫދީންގެ އަސްކަރިއްޔާއިން ބުންޏެވެ.

ޖަނާގެ ހަށިގަނޑު ފެނުނީ އޭނާގެ ބޭބެއަށެވެ. ޖަނާގެ ހަށިގަނޑަށް ޔަހޫދީންގެ ޓެރެރިސްޓު ސިފައިން ހަތަރު ފަހަރު ބަޑި ޖަހާފައިވާ ކަމުގައި އޭނާގެ ޢާއިލާއިން ކިޔައިދިނެވެ. އަދި، އޭނާގެ ބޮލަށާއި، މޫނުގެ އިތުރުން މޭމައްޗަށް ބަޑިޖަހާފައިވާ ކަމުގައި ވެސް ޢާއިލާއިން ބުންޏެވެ.

ޔަހޫދީންގެ ސިފައިން ޖަނީންއަށް އަރައި އެންމެ ފަހުން ހިންގި އުދުވާންތަކުގައި ފަލަސްޠީނުގެ 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ތިން މީހަކީ ޓެރެރިސްޓުންގެ ގޮތުގައި ޔަހޫދީން ސިފަ ކުރެއެވެ. މި ފަދަ އުދުވާންތައް ހިންގުން އިސްރާޢީލުން މިހާރު ވަނީ ޢާންމު ކަމަކަށް ހަދާފައެވެ.

ޔަހޫދީންގެ ޓެރެރިސްޓު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި މިހާތަނަށް ފަލަސްޠީނުގެ 165 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންނެވެ. މި އުދުވާންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުކޮށްލާފައި ވާއިރު، މި އަހަރަކީ އެންމެ ލޭ އޮހޮރުވުންތައް ގިނަ އަހަރުގެ ގޮތުގައި ފާހަގަ ކުރެވެއެވެ.