ޚަބަރު

ދަރިވަރުންގެ ހެލްތު ސްކްރީނިންގ ގައިޑްލައިން އިފްތިތާޙުކޮށްފި


ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުންގެ ހެލްތު ސްކްރީނިންގ ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންޖެހޭ ގައިޑްލައިން އިފްތިތާޙު ކުރައްވައިފިއެވެ. މި ގައިޑްލައިން އިފްތިތާޙު ކުރެއްވީ، މާލޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް އެމްއެންޑީއެފުން ހިންގެވި ފުރަތަމަ އެހީގެ ތަމްރީން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމުގެ ރަސްމިއްޔާތުގައެވެ. ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންނަށް ފުރަތަމަ އެހީގެ ތަމްރީން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފް މެޑިކަލް ސަރވިސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަދު ސެޓްފިކެޓް ދެއްވީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށެވެ. މި ބުރުގައި މާލޭގެ ބާރަ ސްކޫލަކުން އެކާވީސް ޓީޗަރަކު ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. އަދި މި ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފްގެ އޮފިސަރުންނަށްވެސް ވަނީ ހަނދާނީ ލިއުން ދެއްވާފައެވެ.ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުންގެ ހެލްތް ސްކްރީނިންގ ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރަންޖެހޭ ގައިޑްލައިންވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހް ކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފް ގުޅިގެން އެކުލަވާލައްވާފައިވާ މި ގައިޑްލަނަކީ މިދިޔަ އަހަރު ހިންގުނު ހެލްތް ސްކްރީނުން ފާހަގަކުރެވުނު މައްސަލަތައް ދިރާސާކޮށް، އެމައްސަލަތަކަށް ހައްލުހޯދައި، އެފަދަ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ކަންކަން ރޭއްވެވުމަށް އެކުލަވާލައްވާފައިވާ ގައިޑްލައިނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ މި ގައިޑްލައިންގެ ސަބަބުން ސްކްރީނިންގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސްކޫލްކުދިންގެ ސްކްރީނިންގ ހެދުމަށާއި، ސްކޫލްތަކުގެ ޓީޗަރުންނަށް ފުރަތަމަ އެހީގެ ތަމްރީން ދިނުމަށް އެމްއެންޑީއެފާއި އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުން އާކުރައްވާފައެވެ.