ޚަބަރު

ނަރުދަމާ އަޅަން ކޮންނަމުންދިޔަ ވަޅުގައި ތާށިވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނީ


އައްޑޫ ސިޓީ ހިތަދޫގައި ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅުގައި ތާށިވެ އަނިޔާ ލިބުނު 40 އަހަރުގެ ޒުވާނާ މާލެގެނެސް އޭޑީކޭގެ ކްރިޓިކަލް ކެއަރގައި ފަރުވާ ދޭންފަށައިފިއެވެ.

އާއިލާއިން ބުނީ ފަތިހު 4 ޖަހާ އެހާކަށް ހާއިރު މާލެގެނެސް އޭޑީކޭގައި މިހާރު ފަރުވާދެމުންދާކަމަށެވެ. އަދި ޓެސްޓްތައް ހެދުމަށްފަހު ފުއްޕާމޭ ކައިރިއަށް އެޅިފައި ހުރި ލޭތައް ނަގާފައިވާ ކަމަށް އާއިލާއިން ޕީއެސްއެމްނިއުސް އަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ.

ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ މުހައްމަދު އަލްޠާފް ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިދެމީހުން ނަރުދަމާ ހޮޅިއެއް އެޅުމަށް ވަޅުކޮންނަން ވަޅަށް އެރި ތިއްބާ ވަޅުގެ ދެ އަރިމަތިން ފަސްގަނޑު ދޫވެ ވަޅަށް ފަސްއެޅިގެންކަމަށެވެ. އެގޮތުން އެކަކު މެޔާ ހަމަޔަށް ވެލި ބާރުވެފައިވާއިރު އަނެއްމީހާ މެދާ ހަމައަށް ވަޅުލެވިފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުން ވިދާޅުވެއެވެ. މިހާދިސާ ހިނގިތާ 10 މިނެޓްތެރޭގައި ދެމީހުންވެސް ސަލާމަތްކޮށް ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ ވިދާޅުވިއެވެ. އެވަގުތުން ފެށިގެން މިހާރު މާލެގެނެސް ފަރުވާ ހޯދަމުންދާ ޒުވާނާއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައި ބާއްވައިގެންނެވެ.

މިހާދިސާގައި އަނިޔާވި 55 އަހަރުގެ މީހާ ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.