ޚަބަރު

ދިވެހި ސަފީރު، ބައިޑަންއަށް ފަތްކޮޅު އަރުވައިފި


ރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި އައު ސަފީރު، އަބްދުލް ޣަފޫރު މުހައްމަދު ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ޞޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން އެމެރިކާއަށް އެޅުއްވި އައު ސަފީރު، ޢަބްދުލްޣަފޫރު ވަނީ އެމެރިކާގެ ރައީސް ބައިޑަންއަށާއި، އެމެރިކާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ސަފީރު ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، މޫސުމާއި، ޑިމޮކްރަސީއާއި، ސަލާމަތާއި ރައްކާތެރިކަމުގެ ރޮނގުން ރާއްޖެއަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާ ރާއްޖެއިން މިދާއިރާއިން ކުރާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ބައިޑަންގެ ވާހަކަފުޅުގައި ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، 1965 ވަނަ އަހަރު ރާއްޖެއާއި އެމެރިކާއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ފަހުން ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އެއްބައިވަންތަ އަސާސްތައް އިތުރަށް ހަރުދަނާވެ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނީހަމަތައް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަފީރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ޒަމާންވީ ގުޅުން ބަދަހިކޮށް ކުރިއެރުވުމާއި، އެމެރިކާ ފަދަ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރުންކަމަށްވެސް ފާހަގަކުރައްވާފައެވެ. އެ މަސައްކަތަށްޓަކައި، 10 އަހަރު ފަހުން އެމެރިކާގައި ރެސިޑެންޓް މިޝަނެއް އަލުން ޤާއިމުކުރުމަކީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެމްބަސީ ޤާއިމްކުރުމުގައި ލިބުނު ކުރިއެރުންތައްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. ސަފީރު ވިދާޅުވީ، މި އެމްބަސީތައް ދެ ޤައުމުގެ ވެރިރަށްތަކުގައި ޤާއިމުކުރެވުމަކީ، އެއްވިސްނުމެއްގައި މަސައްކަތްކޮށް ދެޤައުމުގެ އެކުވެރިކަމުގެ ޙަޤީޤީ ރޫޙު ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް ސިފަކުރައްވާފައެވެ.

އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިއަހަރުގެ ސެޕްތެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ސަފީރުކަަމށް އައްޔަންކުރެއްވުމުގެ ކުރިން ގަފޫރު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރިން ފޮރިން ސެކްރެޓެރީގެ މަޤާމު ހިމެނޭހެން ޚާރިޖީ ދާއިރާގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.