ޚަބަރު

ސައިބަރ ކުށްތައް ހުއްޓުވަން ޚާއްޞަ ސެންޓަރެއް


ސައިބަރ ސްޕޭސް މެދިވެރިކޮށް އަންނަ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަން ހުއްޓުވުމަށް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ، އަލަށް އެކުލަވާލާ ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ.

ސައިބަރ ސްޕޭސް ނުވަތަ އިންޓަނެޓްގެ ޒަރިއްޔާއިން ހިންގާ ކުއްތައް ރާއްޖޭގައިވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އޮޅުވާލައިގެން މީހުންގެ މަޢުލޫމާތު ހޯދުމާއި، މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތުކުގައި، މިލިއަނުން ރުފިޔާ ނަގަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މިފަދަ ކުއްތައް ހުޓުވައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް އެކަށެއެޅުމަށް، ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން މި ދާއިރާގެ 3 ބިލެއް، މަޖީލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފޮނުވާފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ، އިންޓަނެޓާއި ސައިބަރ ސްޕޭސްގައި ކުރާ ކުއްތަށް ހުޓުވުމަށް 4 ދާއިރާއަކުން މަސައްކަތްތައް ފަށަފައިވާކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފްކުރުމާއި، މުއައްސަސާތައް ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށް "ސައިބަރ ސޭފް މޯލްޑިވްސް" ކެމްޕެއިން ހިންގުމާއި، 3 ޤާނޫނަކަށް އިސްލާހުގެނައުމާއި، ސައިބަރ އޮރޭޝަން ސެކިއުރުޓީ ސެންޓަރ )ސޮކް) ޤާއިމްކުރުން ހިމެނެއެވެ.

ޝަރީފް ވިދާޅުވީ ސައިބަރ ސެކިއުރިޓީ ސެންޓަރއަކީ ސައިބަރ ވެއްޓަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރަން ނިންމާފައވާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ޑިވެލޮޕްމަންޓް އެކްޝަންގެ ޕްލޭންގައި ހިމެނޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. މި ސެންޓަރު އުފައްދާނީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަމަށާއި، މިއާއެކު އެންމެ މުހިންމި ފިޔަވަޅަކަށްވާނީ، ސައިބަރއާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ކުރިއާލާ ދެނެގަނެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުވެގެން ދިއުންކަމަށް ޝަރީފް ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ ސައިބަރ ސްޕޭސް ބަލާ ނުރައްކާ ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅުއެޅުން. މިހާރު ފިޔަވަޅު އެޅެނީ ކަމެއް ދީމާވީމަ. ނަމަވެސް މިފަދަ ސެންޓަރަކާއެކު، އަބަދުވެސް ސަރބަރ ވެށި ބަލާ ފާރަވެރިވެވޭނެ ގޮތެއް ހޯދޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފުރަތަމަ މި ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދާނީ އެންސީއައިޓީގެ ތެރެއިންކަމަށެވެ. ނަމަވެސް ޤާނޫނާއެކު، މަސައްކަތުގެ އިދާރީ އޮނިގަނޑު ރަނގަޅުކޮށް މަސައްކަތްތައް ރާވާ ހިންގާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ދާއިރާއިން މުހިންމު މަސައްކަތެއްގެ ގޮތުގައި ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަން ވަނީ ތައްޔާރުވެފައެވެ. އެގޮތުން މިމަހުގެ ތެރޭގައި ޑިޖިޓަލް ކާޑް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ރައްކާތެރިކަމާއެކު މީހާގެ ޒާތީ މަޢުލޫމާތު ބަލެހެއްޓޭނެ ނިޒާމަކަށް ވާނެއެވެ.