ޚަބަރު

އިމްޕޯޓު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެއްޖެ


މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 15 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިއީ 15 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ސިންގަޕޯ އަދި ޗައިނާއެވެ. އޮމާން އިން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 594 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯ އިން 472 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި، ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއިން 176 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 168 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 5 އިންސައްތަ ދަށް އަދަދެކެވެ.


މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 35 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި 11 އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 9 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓު ކުރި ޢަދަދު އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 322 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ ނޮވެމްބަރުމަހު މިޢަދަދު ވަނީ 359 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %11 އިތުރު ޢަދަދެކެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 116 އުޅަނދެއް ރާއްޖެ އައިސްފައިވެއެވެ. އަދި 99 އުޅަނދެއް ފުރާފައިވެއެވެ.