ކުޅިވަރު

މޫސުން ގޯސްވެ، ގައްބެ ކުޑަހުވަދޫގައި މަޑުކުރަން ޖެހިއްޖެ


މޫސުމުގެ ސަބަބުން އަބުދުލްޣަފޫރު އަލީ، ގައްބެ ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް ކުރާ ދަތުރުން އަނެއްކާވެސް ދުވަހެއް ގެއްލިއްޖެއެވެ. މިވަގުތު ދ.ކުޑަހުވަދޫގައި ހުރި ގައްބެ މިއަދު ހެނދުނު ފ.އަތޮޅަށް ފުރަން ހަމަޖެހިފައި އޮތްނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން، މޫސުމާއިބެހޭ އިދާރާގެ ލަފާގެމަތީން މިއަދު ދަތުރުނުކުރަން ނިންމާފައިވާކަމަށް ދަތުރު އިންތިޒާމްކުރާ އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. މިއަދު ހެނދުނުވެސް ފ.އަތޮޅަށް ދިއުމަށް ފުރޭތޯ ގައްބެ ވަރަށް މަސައްކަތްކުރިކަމަށާއި، މާދަމާއަކީ ހުކުރުދުވަހަށްވެސް ވާތީ މިއަދު ދަތުރުކުރަން ގައްބެ ވަރަށްބޮޑަށް ބޭނުންވިކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ކުރިންވެސް ގައްބެ ވިދާޅުވެފައިވަނީ ކިތަންމެ ދަތުރުކުރަން ބޭނުންވިނަމަވެސް މޫސުމާއި ދެކޮޅަށް ދަތުރުނުކުރެވޭނެކަމަށާއި، މޫސުމަށް ބަލައި، މޫސުމާބެހޭ އިދާރާގެ ލަފާވެސް ހޯދައިގެންނޫނީ ދަތުރުނުކުރާނެކަމަށެވެ. ދަތުރުގައި މީގެކުރިންވެސް މޫސުމުގެ ސަބަބުން ގައްބެގެ ދަތުރުން ދުވަހެއް ގެއްލިފައިވެއެވެ. ގައްބެ ވަނީ މިހާތަނަށް އައިއިރު ވ.އަތޮޅު، ލ.އަތޮޅު،ގދ.އަތޮޅު،ގއ.އަތޮޅު،ފުވައްމުލައް، އައްޑޫ ސިޓީ، ތ.އަތޮޅު އަދި ދ.އަތޮޅަށް ގޮސްފައެވެ. މިއީ ވިޒިޓް މޯލްޑިވްސް 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތުގައި ހިމެނޭ އިވެންޓެކެވެ. މިއިވެންޓް އިންތިޒާމްކުރަނީ އެޓޯލް ސެއިލަރއިންނެވެ. އަދި މިދަތުރު ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެންނެވެ.