ޚަބަރު

ޖާންވީ ރާއްޖެ އައީ ލޯބިވެރިޔާއާ އެކުކަމަށް އަޑު ފެތުރެން ފަށައިފި


ބޮލީވުޑް އެކްޓަރު ޖާންވީ ކަޕޫރުގެ ސޯޝަލް މީޑިއާ އެކައުންޓަކީ އަބަދުވެސް ޖާންވީގެ ރީތި ފޮޓޯތަކުން މުއްސަނދި ވެފައިވާ އެއްޗެކެވެ.

ޖާންވީ ވަނީ މިދިޔަ ހަފްތާގައި ރާއްޖެވެސް އައިސްފައެވެ. އެގޮތުން ރާއްޖޭގައި ނަގާފައިވާ ރީތި ފޮޓޯތައްވެސް ޖާންވީ ދިޔައީ އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. ޖާންވީ ޗުއްޓީ ހޭދަކޮށްފައި ވަނީ ސޮނެވާ ޖާނީގައެވެ.

ޖާންވީ ޝޯޝަލް މީޑިއާގައި އެގޮތަށް އާންމުކޮށްފައިވާ އެއް ފޮޓޯއާއި ހެދި ގިނަ ބަޔަކު މިހާރު ވަނީ ޝައްކެއްގެ ތެރޭގައެވެ. އެ ފޮޓޯއަކީ ޓާކުއިޝް ކުލައިގެ ކަންފަތުލާ އެއްޗެއް ލައިގެން ހުދުކުލައިގެ ހެދުމެއްގައި ޖާންވީ ހުރި ފޮޓޯއެކެވެ. ފޮޓޯގެ ކެޕްޝަންގައި "ރޮކިންގ ދަ ސްޓަނިންގ ބީޗް ލޫކް، މީޓް މީ އިން ދަ ޕޭލް މޫންލައިޓް" ލިޔެފައިވެއެވެ. ހަމަ މިއާއި އެއްގޮތް ފޮޓޯއެއްގައި "މޫން ސްޕިރިޓް" ކެޕަޝަންގައި ލިޔެ އެހެން މީހަކު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

މި ފޮޓޯއާއެކު ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ޖާންވީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައި ވަނީ ލޯބިވެރިޔާ ޝިކާރު ޕަހާރިޔާ އެކުގައި ކަމަށެވެ. އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބެކްޑްރޯޕްގައި ކަނޑާ އެކު ފޮޓޯއެއް ހިއްސާކޮށް، ކެޕްޝަންކޮށްފައި ވަނީ "މޫން ސްޕީރިޓް" ލިޔެފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެ ދެމީހުން އެކުގައި އުޅޭތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. ޖާންވީ އާއި އޭނާއާ އޮންނަ ގުޅުން ގާތްގަނޑަކަށް ކަށަވަރުވީ ކޮފީ ވިތު ކަރަންގެ 7 ވަނަ ސީޒަންގައި ޖާންވީއާއި އޭނާގެ ބެސްޓް ފްރެންޑް ސާރާ އަލީ ޚާން ބައިވެރިވި އެޕިސޯޑުގައެވެ.

ޝިކާރު ޕަހާރިޔާ އަކީ ވިޔަފާރިވެރިއެއްގެ އިތުރުން މަހާރާޝްތުރާގެ ކުރީގެ ޗީފް މިނިސްޓަރު ސުޝިލްކުމާރު ޝިންޑޭގެ ކާފަދަރިއެކެވެ. ޖާންވީ ފިލްމީ ދާއިރާއަށް ތަޢާރަފްވުމުގެ ކުރިންވެސް އުޅެނީ ޝިކާރު އާއި ރައްޓެހިވެގެން ކަމަށް ބައެއް މީހުން ބުނެއެވެ. ޝިކާރުގެ ބޭބެ ވީރު ޕަހާރިޔާ ސާރާ އަލީ ޚާން އާއި ރައްޓެހިވި ކަމަށްވެސް އެއް އިރެއްގައި ވާހަކަތައް ދެކެވުނެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ މިދިޔަ ރިލީޒްކުރި "މިލީ" އާއި ޖުލައިގައި ރިލީޒްކުރި "ގުޑް ލަކް ޖެރީ" އެވެ. ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަވާލް" އާއި "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެއެވެ.