ޚަބަރު

ޓައިގާ އާއި ރުޅިވުމަށްފަހު ދިޝާ އާ ލޯބިވެރިއެއް ހޯދައިފި


ދެ ލޯބިވެރިން ކަމަށްވާ ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރުޅިވި ޚަބަރަކީ އެ ދެމީހުންގެ ފޭނުންނަށް ލިބުނު ބޮޑު ޝޮކެކެވެ.

ދުވަހަކުވެސް އެމީހުންގެ ގުޅުން ރަސްމީކޮށް ނުދިން ނަމަވެސް، އެކުގައި ގިނައިން ފެނުމާއި، ޗުއްޓީ ހޭދަކުރާތަން ވަނީ ފެނިފައެވެ. އަދިވެސް މި ދެ ތަރިންގެ ތެރެއިން އެއްވެސް ތަރިއެއް ވަކިވި ކަމަށް ބުނެފައެއް ނުވެއެވެ.

ނަމަވެސް މިހާރު ދިޝާއާއި ބެހޭގޮތުން އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އޭނާ އާ ލޯބިވެރިއެއް ހޯދި ވާހަކައެވެ. ދިޝާގެ އާ ލޯބިވެރިޔަކީ އެލެކްސަންޑާ އެލެކްސް އިލިޗް އާއި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެލެކްސް އަކީ ދިޝާގެ ގާތް އެކުވެރިއެކެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެލެކްސް ބުނީ މުމްބާއީގައި އުޅުނު ފުރަތަމަ ދުވަސްވަރު އޭނާ ދިޝާއާއި ބައްދަލުވި ކަމަށެވެ. އެއީ 2015 ވަނަ އަހަރު ފްލެޓްމޭޓުންގެ ގޮތުގައި ވެސް ތިބި ދެމީހުން ކަމަށް އެލެކްސް ބުންޏެވެ.

އެލެކްސް ބުނީ ދެމީހުންނަކީވެސް ފިޓްނެސް އަށް ލޯބިކުރާ ދެމީހުން ކަމުން ދެމީހުން ވަރަށް އަވަހަށް އެކުވެރިވި ކަމަށެވެ.

"އެކީގައި ގޭތެރޭގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވުނު. ގާތް ރަހުމަތްތެރިންނަށް ވީ" އެލެކްސް ބުންޏެވެ.

ދިޝާ އަކީ އޭނާއަށް އާއިލާގެ މީހެއް ފަދަ މީހެއް ކަމަށްވެސް އެލެކްސް ބުންޏެވެ. މީގެއިތުރުން އޭނާއަކީ ޓައިގާގެވެސް ރައްޓެސެއް ކަމަށް އެލެކްސް ބުންޏެވެ.