ޚަބަރު

ބައްޕައާއެކު ރަނގަޅު ގުޅުމެއް އުފައްދަން އެތައް ދުވަހެއް ނެގި: ތުޝާރު


ބޮލީވުޑްގެ އެކްޓަރު ތުޝާރު ކަޕޫރާއި އޭނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޖީތެންދްރާއާ އެކު އެކުވެރިކަމުގެ ގުޅުމެއް އުފެއްދުން ވީ އޭނާއަށް އުނދަގޫވި ކަމެއް ކަމަށް ތުޝާރު ބުނެފިއެވެ.

މިހާރު ބައްޕައަކަށްވެސް ވެފައިވާ އެކްޓަރު ތުޝާރު ހިއްސާކުރި ގޮތުގައި ބައްޕައާއި އޭނާއަކީ މުޅިން ތަފާތު ޒަމާނެއްގެ ދެމީހުން ވީމާ ދެމީހުންގެ ގުޅުން ކުރިން އެހާ އެކުވެރިއެއް ނޫނެވެ. އަދި ހުރިހާ ކަމެއް ހިއްސާކުރެވޭ ވަރަށް ދެމީހުންގެ ގުޅުން ރަނގަޅުވާން ވަގުތު ނެގި ކަމަށްވެސް ތުޝާރު ބުންޏެވެ.

"އަހަންނަކީ 80 ގެ އަހަރުތަކުގެ ކުއްޖެއް، އެހެންވީމަ އަހަރެންގެ ކިބައިގައި އަބަދުވެސް ބައްޕައަށް އިހުތިރާމް ކުރުމުގެ ބައި އޮވޭ. ނަމަވެސް އަހަރުތައް ފާއިތުވެ އެކްޓަރަކަށް ވީ ފަހުން ބައްޕަ އާއި އަހަރެން އަބަދުވެސް ވާހަކަ ދައްކަން އަދި ހިއްސާ ކުރަން ގިނަ ކަންތައްތަކެއް ހުރި" ތުޝާރު ބުންޏެވެ.

ތުޝާރު ވަނީ "މުޖޭ ކުޗް ކެހެނާ ހޭ"، "ކާކީ"، "ގޯލްމާލް"، "ކިޔާ ދިލް ނޭ ކަހާ"، "ޖީނާ ސިރްފް މެރޭ ލިޔޭ"، "ކިޔާ ކޫލް ހޭ ހަމް"، "ޝޯރު" އިން "ދަ ސިޓީ" ފަދަ ފިލްމުތަކުން ފެނިފައެވެ.

ތުޝާރު މިހާރު އަންނަނީ "މާރިޗް" ގެ މަސައްކަތް ނިންމައި އެ ފިލްމު ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ތުޝާރުގެ އިތުރުން ސީރަތު ކަޕޫރާއި ނަސީރުއްދީން ޝާހުވެސް ފެނެއެވެ.