ވިޔަފާރި

މޯލްޑިވްސް ބޯޓިން އެވޯޑްސް މިއަހަރު 32 ފަރާތަކަށް


މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑްސް 32 ފަރާތަކަށް ދީފިއެވެ. މި އެވޯޑްތައް ދީފައިވަނީ ދަރުބާރުގޭގައި ބޭއްވި އެވޯޑް ހަފްލާގައެވެ. މި އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ދޭ މި އެވޯޑަކީ 2014ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ ބޯޓިން އެވޯޑްދިން 6 ވަނަ އަހަރެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ އެވޯޑަށް 100 ނޮމިނޭޝަން ލިބިފައިވާކަމަށެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސްގައި ތަފާތު 29 ދާއިރާއަކުން ވަނީ އެވޯޑްދީފައެވެ. މީގެތެރޭގައި އަމިއްލަގޮތުންނާއި އަދި ކުންފުނިތަކުގެ ބައިންވެސް އެވޯޑްތައް ވަނީ ދީފައެވެ.

އަމިއްލަ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ:

* ބެސްޓް ކެޕްޓަން، އަހްމަދު ޒަކީ - އެމްޓީސީސީ
* ބެސްޓް އިންޖީނިއަރ، މުހައްމަދު ރަޝީދު - އެމްޓީސީސީ
* ބެސްޓް ކްރޫ މެންބަރ، އިބްރާހިމް އަބްދުލް ހާދީ - އެމްޓީސީސީ
* ބެސްޓް ސޭލްސް ރިޒަވޭޝަން އެންޑް އޮޕަރޭޝަން ސްޓާފް - ލޯނާ ވީ ކަސްޓަނެޓޯ

މި އެވޯޑް ހަފްލާގައި ކުންފުނިތަކުގެ ބައިންވެސް ގިނަ އެވޯޑްތަކެއް ވަނީ ދީފައެވެ. އެގޮތުން ޖުމްލަ 28 އެވޯޑެއް ކުންފުނިތަކަށާއި ސަފާރީތަކަށް ވަނީ ދީފައެވެ. މީގެ އިތުރުން ކެޕްޓަނުންނާއި ބޯޓިން ދާއިރާއަށް ގިނަ ދުވަސްވަންދެން ޚިދުމަތްކޮށްދެއްވި ފަރާތްތަކަށްވެސް މި އެވޯޑް ހަފްލާގައިވަނީ އެވޯޑް ދީފައެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް ޚާއްސަ ކޮށްދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަޤްސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.