ޚަބަރު

ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅުގައި ތާށިވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ


އައްޑޫ ސިޓީ ހިތަދޫގައި ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅުގައި ތާށިވި 2 މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ އުމުރުން 35 އަހަރުގެ މިމީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ހޮސްޕިޓަލުން ހެދި ބައެއް ޓެސްޓްތަކުން ހަށިގަނޑުތެރެއަށް ލޭ ފައިބަމުންދާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަތީ ފަރުވާއަށް ގެންދިއުމުގެ އިންތިޒާމް ފެނަކަ އޮފީހާއި ހޮސްޕިޓަލާއި އާއިލާއިން ގުޅިގެން ހަމަޖައްސަމުން ގެންދާ ކަމަށެވެ.

ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ މުހައްމަދު އަލްޠާފް ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިދެމީހުން ނަރުދަމާ ހޮޅިއެއް އެޅުމަށް ވަޅުކޮންނަން ވަޅަށް އެރި ތިއްބާ ވަޅުގެ ދެ އަރިމަތިން ފަސްގަނޑު ދޫވެ ވަޅަށް ފަސްއެޅިގެންކަމަށެވެ. އެގޮތުން އެކަކު މެޔާ ހަމަޔަށް ވެލި ބާރުވެފައިވާއިރު އަނެއްމީހާ މެދާ ހަމައަށް ވަޅުލެވިފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުން ވިދާޅުވެއެވެ. މިހާދިސާ ހިނގިތާ 10 މިނެޓްތެރޭގައި ދެމީހުންވެސް ސަލާމަތްކޮށް ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާ ލިބުނީ 55 އަހަރުގެ މީހަކަށާއި 35 އަހަރުގެ މީހަކަށެވެ. މީގެ ތެރެއިން 55 އަހަރުގެ މީހާ ފަރުވާއަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.