ޚަބަރު

އަނިބިމީހާ މަރާލިކަމުގެ ތުހުމަތުކުރެވޭ ފައިޞަލްގެ ބަންދަށް 15 ދުވަސް


މިދިޔަ ހޮނިހިރު ދުވަހު ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ ފައިސަލް އަލީގެ ބަންދަށް 15 ދުވަސް ދީފިއެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފައިސަލް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުއެވެ. ފައިސަލް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓައެވެ. އޭނާ ކުޅުދުއްފުއްޓަށް ދިޔުމަށް ލޯންޗު ހަމަޖައްސާފައިވަނީ ޑޮކްޓަރަށް ދެއްކުމަށްކުރާ ދަތުރެއްކަމަށް ބުނެއެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މިމައްސަލައިގެ ތަހުގީގް ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ހުއްދަ ދީފައެވެ. މިމައްސަލާގައި ފުލުހުން އަދި ތަފްސީލެއް ހާމަ ކޮށްފައިނުވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލާނެ ދުވަހެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.

ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގައިދިޔައިރު އެގޭގައި އެނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާއަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހެއް ނޫންކަމުން އޭނާގެ ކުށުގެ ރިކޯޑާއި ގުޅޭ މަޢުލޫމާތެއް ކައުންސިލަކަށް ސާފެއް ނޫނެވެ. މިމަރާއި ގުޅިގެން ފުލުހުންގެ ތަޙުގީގު ޓީމު އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ 3 ކުދިން ތިބެއެވެ. އަންހެން މީހާ ނޮޅިވަރަމްގައި ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމަށްވުމުން ކުދިން މިހާރު ތިބީ ޢާއިލާގެ ގާތުގައި ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.