ޚަބަރު

އިންޑިއާގެ މަނަވަރުތައް ފުރައިފި


ރަސްމީ ދަތުރެއްގައި ރާއްޖެ ޒިޔާރަތްކުރި އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް
ވިކްރަމްއަދިތްޔާ ރާއްޖެއަށްކުރި ދަތުރު ނިންމާލުމަށްފަހު މިއަދު ހެނދުނު ރާއްޖެއިން ފުރައިފިއެވެ. މިދަތުރު ނިންމާލުމަށްފަހު އައިއެންއެސް ވިކްރަމަދިތުޔަ ރާއްޖެއިން ފުރާފައިވާއިރު، މި ދަތުރުގައި އިންޑިއަން ނޭވީ ވެސްޓަން ފްލީޓްގެ ކޮމާންޑަރ ރިއަރ އެޑްމިރަލް ރަންވީތު ސިންގ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ރިއަރ އެޑްމިރަލް ރަންވީތު ސިންގ ވަނީ މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރުގެ އަރިހަށާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވާފައެވެ.މިމަހު 15 އިން 18 އަށް މިމަނަވަރު ރާއްޖޭގައި މަޑުކޮށްފައިވާއިރު، މި މަނަވަރު ބަލާލުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށާއި، ސްކޫލުތަކުގެ ދަރިވަރުންނަށް ވަނީ ދީފައެވެ. އަދި މި ފުރުޞަތުގައި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސްކޫލް ދަރިވަރުން ވަނީ މި މަނަވަރަށް ޒިޔާރަތްކޮށްފައެވެ. އައިއެންއެސް ވިކްރަމަދިތުޔައާއެކު ރާއްޖެއަށް ޒިޔާރަތްކުރި  "އައިއެންއެސް ދީޕަކް" އަދި "އައިއެންއެސް މައިސޫރު" ވެސް ވަނީ މިއަދު ރާއްޖެއިން ފުރައިފައެވެ.މިދަތުރު ނިންމާލުމަށްފަހު، މި ތިން މަނަވަރު ރާއްޖެއިން ފުރައިފައިވާއިރު، މިއީ އައި.އެން.އެސް ވިކްރަމްއަދިތްޔާ ރާއްޖެއަށްކުރި ފުރަތަމަ ޒިޔާރަތެވެ.