ޚަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކަކުލު ހުޅު ބަދަލުކުރުމުގެ ފަރުވާ


ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވޭތުވެދިޔަ އަހަރުތަކުގައި ގެނެވުނު އެންމެ ބޮޑު ބަދަލަކީ ޚިދުމަތަށް މާލެއަށް ބާރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެވުމެވެ. އަތޮޅުތެރޭގައި ދެވޭ ސިއްޙީ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ލިބިގެން ދިޔުމެވެ. މިކަން ކުރުމުގައި ސަރުކާރާއި އަތޮޅުތެރޭގެ ރަށްރަށުގައި ސިއްޙީ ފަރުވާ ދޭތަންތަނުގެ ހުރިހާ މުވައްޒަފުންގެ ދައުރު ބޮޑެވެ. މިފަދަ އެތައް ކުރިއެރުމެއް ގެެނެވުނު އެއް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. އެހޮސްޕިޓަލުން އަނެއްކާވެސް މިވަނީ އިތުރު ޚިދުމަތެއް އެ ސިޓީއިން ލިބޭނެ މަގު ފަހިކޮށްދީފައެވެ.

އަތޮޅުތަކުން މާލެއަށް އެންމެ ބޮޑަށް ބާރޯސާވާންޖެހޭ އެއްކަމަކީ ކަކުލު ހުޅު ބަދަލުކުރުމާއި ކަކުލަށް ލިބޭ އެކި އަނިޔަތަކުގެ ފަރުވާއެވެ. އައިޖީއެމްއެޗްގެ ޓީމުތައް ދޭތެރެ ދޭތެރެއިން އެކި ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ގުޅިގެން ކަކުލުގެ އޮޕަރޭޝަންތައް ކުރުމަށް އެރަށްރަށަށް ދާ ޚަބަރުތައް އިވެއެވެ. މިފަދަ އެއް ސަރަޙައްދަކީ އައްޑޫ ސިޓީއެވެ.

އައްޑޫ ސިޓީއާއި ދެކުނުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދެކުނުގެ އެންމެ މައި ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ވަނީ ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

އޭއީއެޗްއިން ވިދާޅުވީ އާތްރައިޓިސްގެ ސަބަބުން ނުވަތަ ކަކުލަށް ލިބޭ އެނި އަނިޔާތަކުގެ ސަބަބުން ޢާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ގިނަބަޔަކަށް ދަތިވާކަމަށެވެ. މިކަމުގެ ސަބަބުން ހިނގާބިނގާވުމަށް ދަތިވެއެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ގިނަބަޔަކަށް ޖެހެއެވެ. އެހެންކަމުން މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާ އެފަދަ ބަލި މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް ވަނީ ޤާއިމުކޮށްފައިކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކުން އަދި ކަކުލުގައި ރިއްސާ ފަރާތްތަކުން ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދާއެކު ފަރުވާ ހަމަޖެހިގެންދާނެކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެކުރިންވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިރުޝާދާއި ފަންނީ އެހީތެރިކަމާއެކު އޭއީއެޗްގައި ކަކުލު ހުޅު ބަދަލުކުރުމާއި މައިބަދައިގެ އޮޕަރޭޝަންތަކާއި ކަށީގެ އޮޕަރޭޝަންތަކާއި ލޮލުގެ އޮޕަރޭޝަންތަކާއި އެނޫންވެސް ބޮޑެތި އެކި އޮޕަރޭޝަންތައް ވަނީ ކޮށްފައެވެ. މީގެއިތުރުން އެކްސިޑެންޓަކާއި ގުޅިގެން ބޮލަށް ގެއްލުންވި ފަރާތެއްގެ ވަރަށް ކްރިޓިކަލް އޮޕަރޭޝަނެއް އޭޑީކޭގެ ނިއުރޯ ސަރޖަރީ ޓީމާއި ގުޅިގެން އޭއީއެޗްގައި މީގެކުރިން ވަނީ ކޮށްފައެވެ.

އެހޮސްޕިޓަލުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލުން ކަމާއި ގުޅޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލުގައި އެކްސްޓެންޝަން ޢިމާރަތެއް ތަރައްޤީކުރުމުގެ މަސައްކަތާއި ހޮސްޕިޓަލްގެ ކެތްލެބް އިންސްޓޯލްކުރުމާއި ގުޅޭ މުހިއްމު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.