ޚަބަރު

މިދިޔަ މަހު 170 ކައިވެނި، 119 ވަރި


މިދިޔަ ނޮވެމްބަރު މަހު ފެމިލީ ކޯޓުން ކޮށްދިން ކައިވެންޏާއި ގާތް ކުރާ ޢަދަދަކަށް ވަރިކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ކޯޓުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ނޮވެމްބަރު މަހު ފެމިލީ ކޯޓުން 170 ކާއިވެނި ކޮށްދީފައިވެއެވެ. ހަމަ އެމަހު 119 ވަރީގެ މައްސަލަ ނިންމާފައިވާކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ އެއް ޤައުމެވެ.

ނޮވެމްބަރު މަހު 211 މައްސަލައެއް


ފެމިލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އެކޯޓުން ކުރިއަށްގެންދިޔަ ގެވެށި އަނިޔާއާއި ގުޅޭ މައްސަލަތަކާއި، ޚަރަދުގެ މައްސަލަތަކާއި ކުދިންނާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވަރީގެ މައްސަލަތައްވެސް ހިމެނޭހެން ނޮވެމްބަރު މަހުވަނީ ޖުމްލަ 211 މައްސަލައެއް ނިންމާފައެވެ.

އޭގެތެރެއިން ވަރިވުމަށާއި، ވަރި ކުރުމަށް އެދުމާއި، ވަރި ސާބިތު ކުރުމަށް އެދި ހުށައެޅި ޖުމްލަ 150 މައްސަލައެއްވެސް އެކޯޓުން ނިންމާފައިވެއެވެ.

ޚަރަދު ދިނުމުގެ މައްސަލަތައް

ފެމިލީ ކޯޓަށް ނޮވެމްބަރު މަހުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ ތެރޭގައި، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޢަމުރު ނެރުމާއި، ދަރިން ނުދެއްކުމުގެ މައްސަލަތަކާއި، ނަޞަބު ސާބިތުކުރުމާއި، ދަރިއަކު ބަލައި ބޮޑުކުރުން އެހެން މީހަކާއި ޙަވާލުކުރުމާއި، ކުއްޖާ ޚިޔާރުކުރާ ފަރާތެއް ކަނޑައެޅުމާއި ޙަޟާނާތުގެ މައްސަލަތައް ހިމެނެއެވެ.

މީގެ ތެރެއިން 15 މައްސަލައެއް އެކޯޓުންވަނީ ނިންމަފައެވެ. އަދި އެ ކޯޓަށް ހުށައެޅުނު މައްސަލަތަކުގެތެރެއިން ޚަރަދާއި ގުޅުންހުރި 12 މައްސަލައެއްވެސް ނިންމާފައިވެއެވެ.

ތަފާސް ހިސާބު، އިތުބާރު ބޮޑުވާނެ


ކޯޓުތަކުން ކުރަމުންދާ މަސައްކަތުގެ ތަފާސްހިސާބު ޙާމަކުރުމަކީ އެ ކޯޓުގެ މަސައްކަތާއިމެދު ޢާއްމުން ކުރާ އިތުބާރު ބޮޑުވެ ޢާއިލީ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރާ އިދާރާތަކަށް އެކަމުގައި އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެކަމެކެވެ.

މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތައް ޢާއިލީ މައްސަލަތަކާއި ގުޅިފައިވާއިރު، އޭގެ ރޫޓް ކޯޒްތައް ދެނެގަނެ މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ގުޅިގެންކުރާ މަސައްކަތްތަކަށް އިތުރުކުރުމަށް މީގެސަބަބުން ބާރު އެޅިގެންދެއެވެ.