ޚަބަރު

މަސްވެރިންނަށް ތެޔޮ ލިބުމުގައާއި މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދޭނަން: ރައީސް


މަސްވެރިކަމުގެ ދާއިރާގައި މި އަހަރަކީވެސް ވަރަށް ފާހަގަކޮށްލެވޭ އަހަރެއް ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ ފާއިތުވެގެން ދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތުން ރާއްޖެ ހޯދި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އެ ސިނާއަތަށް ނުލިބޭ ވަރުގެ ކުރިއެރުމެއް ލިބުނުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ 2006 ވަނަ އަހަރުގެ ފަހުން މަސްގަތުމުގެ ރެކޯޑު ސަރުކާރުގެ ކުންފުންޏަކުން ހެދީ މިއަހަރުކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރު އެކަނިވެސް މިފްކޯއިން 59،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް މި އަހަރު ތެރޭގައި މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް ރެކޯޑެއް ހަދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މި އަހަރު ނިމޭއިރު މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ފައިސާގެ އަދަދު ބިލިއަނަކަށްވުރެ އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯއަށް މިފަދަ ކުރިއެރުންތައް ލިބިފައިވީނަމަވެސް އަދިވެސް ސަރުކާރުން މަސްވެރިން ހޯދަމުންދާ ކުރިއެރުންތަކާއި އަރާ ހަމަކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ މަސް އުޅަނދުތަކަކީ އާދައިގެ އުޅަނދުތަކެއް ނޫން ކަމަށާއި، 80 ޓަނަށް ވުރެ ގިނައިން މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ މިހާރު އޮޑިތަކުގައި އެބަހުރިކަމަށެވެ. އަދި މަސްވެރިން ދުވާލެއްގެ މައްޗަށް 50 ނުވަތަ 60 ޓަނުގެ މަސް ބާނާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ދާ އަޅައިގެނާ ކުރާ ކަމެއް ނޫން ކަމަށާއި، ދޮށީގެ މަސްވެރިކަން ކަމަށެވެ. އެހެންކަމުން މިއީ މަސްވެރިންނަށް ސާބަސްދޭ ވަރުގެ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ބޮޑެތި އުންމީދެއް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަންނަ އަހަރަށް ސަރުކާރުން ރާވަމުން އަންނަ ބައެއް ޕްލޭންތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ހުވަދޫ އަތޮޅާއި ދެކުނުގެ މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އޭގެ ތެރޭގައި މަސް ކިރުމަށް ހާއްސަ 4 ބޯޓު ގެނައުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން އެއް ބޯޓަކީ ދެކުުނުގެ ސަރަހައްދަށް ހާއްސަކޮށް އެ ސަރަހައްދުގައި ބާއްވާނެ ބޯޓެއްކަމަށާއި މިއާއެކު މަސްވެރިންނަށް މަސް ކިރުމުގައި ދިމާވަމުން އަންނަ ދަތިތައް ވަރަށް ބޮޑަށް ހައްލުވާނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތެޔޮ ލިބުމުގައި ކުރި ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައި އެ ޕްލޭންތައް ވެސް ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ސަރުަކާރުން ކަނޑައަޅާފައިވާ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ނުލިބުމުގެ ޝަކުވާކަން ފާހަގަކުރައްވާ ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި އެފްއެސްއެމް މެދުވެރިކޮށް ސަރުކާރުން ކަނޑައަޅާފައިވާ ކުޑަ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.