ޚަބަރު

ތާރީޚުގައިވެސް އެންމެ ގިނަ ކަނދުފަތި އެޅީ މިއަހަރު: ފިޝަރީޒް މިނިސްޓަރ


ތާރީޚުގައި އެންމެ ގިނަ ކަނދުފަތި އަޅާފައިވަނީ މިއަހަރުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު އެކަނިވެސް 30 ކަނދުފަތި އަޅާފައިވާކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ޙަސަންވަނީ މިސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރުމަށް މަސައްކަތްކުރި ހުރިހާ ކަނދުފައްޗެއް އަޅާނިމިފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރަކީ ތާރީޚުގައިވެސް އެންމެ ގިނަ ކަނދުފަތި އަޅާފައިވާ އަހަރުކަމަށެވެ. އެގޮތުން 30 ކަނދުފަތި މިއަހަރު އެކަނިވެސް އަޅާފައިވާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އެންމެ ގިނަ މަސައްކަތްކޮށް މިކަމުގައި ބަދަލެއް ގެންނާނީ މިސަރުކާރުންކަން މިދަންނަވަނީ ވަރަށް ފަޚުރުވެރިކަމާއެކު. އަދިވެސް ކުރަންހުރި މަސައްކަތް ގިނަ، އަދި ވަށާޖެހޭ ދާއިމީ ޙައްލެއް ގެނައުމަށް ވަގުތުކޮޅެއް ނަގާނެ. އެކަމަކު އެދިމާލަށް އަޅުގަނޑުމެން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ވަނީ މަސްވެރިންގެ ދުވަހާއި ދިމާކޮށް ބޭއްވި މަސްވެރިންގެ ފޯރަމްގައި ފާހަގަކުރެވުނު ގިނަ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އިންޑިއާ ކަނޑުގައި މަސްބޭނުމުގައި ގިނަ ޤައުމުތަކަކުން ބަރޯސާވުމާއެކު މަހުގެ ސަޕްލައި އިތުރުވެ މަހުގެ ޑިމާންޑު ދަށްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު އިންދިއާ ކަނޑުގައި މަހުގެ ސްޓޮކް މަދުވުމުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު މަސްބާނާ ނިސްބަތް މަދުކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މަހަށް ހަމައަގު ހޯދުމަށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް އެކި އުފެއްދުންތައް އުފެއްދުމާއި ދިމާއަށް ދިޔުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބޭރަށް އެކްސްޕޯޓުކުރުމަށް ދައްކަންޖެހޭ ޑިއުޓީ ކުޑަކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައިވަނީ މަސްވެރިންނަށް ބޭނުންވާ އެކި މަޢުލޫމާތު ހިމެނޭ ޚާއްސަ އެޕްލިކޭޝަން "ހޯސާ" އިފްތިތާޙްކޮށްފައެވެ. އަދި މަސްވެރިކަމުގެ ޙަރަކާތްތެރިވަމުންދާ އެކި ފަރާތްތަކުގެ ތެރެއިން އެންމެ ޒުވާން މަސްވެރިޔާއަށާއި އެންމެ ގިނަ މަސްބާނާ ދޯނިތަކަށްދޭ ދިދައާއި ހަނދާނީ ލިޔުންވަނީ ޙަވާލުކޮށްފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ހެޔޮ ބަދަލުގެނައުމަށް މަސައްކަތްކުރެއްވި އެކި ފަރާތްތަކާއި ކުންފުނިތަކާއި ދިގު މުއްދަތަކަށް މިދާއިރާއަށް ޚިދުމަތްކުރެއްވި ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.