ޚަބަރު

ޑީއާރުޕީ އުވާލަނީ


ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ކަނޑައެޅިފައިވާ ޢަދަދަށް މެންބަރުންގެ ޢަދަދު ހަމަނުވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3000 މެންބަރުންގެ ސޮއި ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކި ފަހަރުމަތީން ޑީއާރުޕީއަށް ފުރުސަތު ދީފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ 3000 މެމްބަރުން ހަމަނުވެގެން ޑީއާރުޕީއަށް މެމްބަރުންގެ އަދަދު ހަމަކުރުމަށްޓަކައި މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވާކަމަށެވެ.

ޑީއާރުޕީއަށް ދިން ތިން މަސްދުވަހުގެ މުއްދަތު މިއަހަރު އޮކްޓޯބަރު މަހަށް ހަމަވެގެން ދިޔައިރުވެސް އެޕާޓީން ޤާނޫނީ އަދަދަށް މެމްބަރުން ހަމަނުވުމުން އެކަން އަންގައި އެޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމުގެ މަސައްކަތް ފަށާފައިވާމަށް ފުއާދު ވިދާޅުވިއެވެ.

ޑީއާރުޕީ އުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ޤާނޫނީ ގޮތުން ހުރި ކަންކަން ބަލަމުންދާކަމަށްވެސް ފުއާދު ވިދާޅުވިއެވެ. ޑީއާރުޕީއަކީ ދަރަނީގެ މައްސަލަތަކެއްވެސް އޮތް ޕާޓީއަކަށްވުމުން އެކަންކަން ހައްލު ކުރުމަށްޓަކައި ޤާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ގޮތަކާއި ގުޅޭގޮތުންވެސް މިހާރު މަޝްވަރާ ކުރެވެމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއްޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 2681 މެމްބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.