ޚަބަރު

ޘަޤާފީ ހަރަކާތްތަކާއެކު ފަރެސްމާތޮޑާއިން ރައީސްއަށް ހޫނު މަރުޙަބާއެއް


މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ.ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފަރެސްމާތޮޑާގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެރަށް ވަނީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މަސްވެރިން ވަނީ ބަނދަރު ސަރަހައްދަށް ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، އެރަށު ބަނދަރު ސަރަހައްދުގައި ވަނީ ޚާއްޞަ ޘަޤާފީ ހަރަކާތްތަކެއްވެސް ހުށައަޅައިދީފައެވެ. މި ހަރަކާތްތަކުގައި ސްކޫލް ދަރިވަރުންނާއި، އެރަށު ކަނބަލުންވެސް ބައިވެރިވިއެވެ.


ފަރެސްމާތޮޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގެތެރެއިން، އެރަށުގެ މަސްވެރިންނާއި މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.

މީގެ އިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ހާމަކުރުމެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށެވެ.

މަސްވެރިންބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.