ޚަބަރު

13 ކިލޯގެ ޑްރަގު މައްސަލަ، އެކަކު ޝަރީއަތް ނިމެންދެން ބަންދަށް


މިދިޔަ މަހު މާލެ ސަރަހައްދުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލާގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފިއެވެ.

ފުލުހުން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ، މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަނެފައިވެއެވެ. މިތަކެއްޗާއެކު ގިނަ ޢަދަދެއްގެ ފައިސާ ވެސް ފުލުހުން އަތުލައިގަތެވެ. މިމައްސަލާގައި ފުލުހުން ވަނީ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ވަނީ މީގެ ތެރެއިން އެއަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޢަމުރުކޮށްފައެވެ. އަދި އަނެއް ފަސްމީހުން 30 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ މުއްދަތު ދީފައެވެ. މިއެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި ފައިސާ ހޯދާފައިވަނީ މާލޭގެ 2 ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހުއެވެ.