ޚަބަރު

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ރައީސް ފަރެސްމާތޮޑާއަށް ފުރައިވަޑައިގެންފި


މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިޔަށްދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނެއެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.

އަދި، މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މަސްވެރިންނާއިވެސް ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށެވެ.

މަސްވެރިންބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.