ސިޔާސީ

މަޝްވަރާއަށް ދާނީ އިތުބާރު އޮތް މާޙައުލެއް ޤާއިމްކޮށްދިނުމުން


ސަރުކާރާއެކު މަޝްވަރާއަށް ދާނީ އިތުބާރު އޮތް މާޙައުލެއް ސަރުކާރުން ޤާއިމްކޮށްދެއްވުމުން ކަމަށް އެމްޑީޕީއާއި ޢަދާލަތު ޕާޓީން ބުނެފިއެވެ.އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، ސަރުކާރުން މަޝްވަރާކުރުމަށް އަލުން ޕާޓީތަކަށް ދަޢުވަތުދެއްވާފައިވާނަމަވެސް މަޝްވަރާއަށް ދާނީ ކޯޓުން ޙުކުމްކުރައްވައިގެން ބަންދުގައި ތިއްބެވި ކުށްވެރިން ދޫކޮށްލެއްވުމުންކަމަށެވެ. މިފަދަ މާޙައުލެއް ނެތި ވާހަކަދެއްކުމަށް ނުދާނެކަމަށް ޢަދާލަތު ޕާޓީގެ ތަރުޖަމާން ޢަލީ ޒާހިރު ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، މަޝްވަރާކުރައްވަން އެމަނިކުފާނު އަރިހަށް ވަޑައިގަންނަވަންވާނީ، ކުށްވެރިން ދޫކޮށްދިނުމާއި، އެމީހުންގެ ޙައްގުތައް ހޯއްދަވައިދެއްވުމަށް ނޫންކަމަށެވެ.ކުށްވެރިންގެ ޙައްޤުތައް ޤާނޫނު އަސާސީން ބަޔާންކުރެވިފައިވާ ކަމަށާއި، ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ބިނާކުރަނިވި މަޝްވަރާކުރައްވަން އެމަނިކުފާނު އަރިހަށް ވަޑައިގަތުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރާއެކު މަޝްވަރާއަށް ވަޑައިގަތުމަށް ސަރުކާރުން ޕާޓީތަކަށް ދަޢުވަތު ދެއްވާފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުގައެވެ. ސަރުކާރުން އިސްނަންގަވައިގެން، ސިޔާސީ ޕާޓީތަކާއެކު ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ދަޢުވަތު ފޮނުއްވީ، ޕީޕީއެމްއާއި، އެމްޑީއޭއާއި، ޖޭޕީ އާއި އެމްޑީޕީއާއި، އަދި ޢަދާލަތު ޕާޓީއަށެވެ. މި މަޝްވަރާތަކުގައި ސަރުކާރުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ  އާދަމް ޝަރީފް ޢުމަރާއި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙުމަދު ޒުހޫރެވެ.ޕާޓީތަކުގެ މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޔާމިން ނިންމެވީ ދިވެހި ރާއްޖެ ތަރައްޤީކުރެއްވުމާއި ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވައި ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. ޕާޓީތަކާއެކު އަލުން މަޝްވަރާތައް ފެއްޓެވުމަށް ސަރުކާރުން ނިންމާފައި މިވަނީ ރާއްޖޭގެ ސިޔާސީ ނުތަވަނަސްކަން ޙައްލުކުރެއްވުމަށް ޕާޓީތަކާއެކު މަޝްވަރާއަށް ދިއުމަށް ކޮމަންވެލުތާއި އިޔޫއިން ގޮވާލާފައިވަނިކޮށެވެ. ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާތައް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.