ޚަބަރު

އިންސާފުވެރި މާޙައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ކަށަވަރުވާންޖެހޭ: މުނާ


މިނިވަންކަމާއި ކަރާމާތްތެރިކަމާއެކު އިންސާފުވެރި މާޙައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ލިބިދިނުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސް މަރްޔަމް މުނާ ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ އިންސާނީ ހައްޤުތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ.

އިންސާނީ ހައްގުތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސް މަރްޔަމް މުނާ ދެއްވި ޚިޠާބުގައި ވަނީ، އިންސާނީ ޙައްޤުތަކަކީ ކޮންމެ މީހަކަށްވެސް އިންސާނަކަށް ވީތީ ލިބިދެންޖެހޭ ޙައްޤުތަކެއްކަން ފާހަގަކުރައްވާ މިޙައްޤުތައް ލިބިގަތުމުގައި، ނުވަތަ ޙައްޤުތައް ޙިމާޔާތްކުރުމުގަ އެމީހެއްގެ ޤައުމަކަށް، ޖިންސަކަށް، ކުލައަކަށް، ދީނަކަށް ނުވަތަ ވާހަކަ ދައްކާ ބަހުރުވައަކަށް ބަލާކަށް ނުޖެހޭކަމަށް ވިދާޅުވެފައެވެ. މިނިވަންކަމާއި ކަރާމާތްތެރި ކަމާއެކު އިންސާފުވެރި މާޙައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެއްކަން މުނާ ފާހަގަކުރެއްވިއެވެ.

މުނާ ވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޤަވާޢިދުތަކާއި ބައިނަލްއަޤްވާމީ މުޢާޙަދާތަކުގެ ދަށުން ލިބިދޭންޖެހޭ އެންމެހާ ޙައްޤުތަކާ ރައްކާތެރިކަން ލިބެމުންދާކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން އަންހެނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ މުހިންމު ޙިއްސާއެއް އަދާކުރާ ބަޔަކަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކާ، އެމީހުންގެ ޙައްޤުތަކަށް އުނިކަން އަންނަ ކަންތައްތައް ދެނެގަނެ، އެފަދަ ކަންތައްތައް އިޞްލާޙްކުރުމަށްކުރެވޭ މަސައްކަތްތަކަކީ އެކޮމިޝަނުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތްތަކެއްކަން މުނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުޑަކުދިންނަކީ ސަލާމާތްތެރި، ރައްކާތެރި އަދި އެންމެ އެކަށީގެންވާ މާޙައުލެއްގައި ރަނގަޅު ތަރުބިއްޔަތާއެކު ބޮޑުވަމުން އަންނަކުދިންނަށް ވެއްޖެނަމަ، ޤައުމުގެ މުސްތަޤްބަލް ވަރަށްވެސް އުޖާލާވެގެންދާނެކަމަށް މުނާ ވިދާލުވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔާތްކުރުމަށްޓަކައި އެކޮމިޝަނުންކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކަށާއި ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކުރުވުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކެމްޕޭންއެއް ކުރިއަށްގެންގޮސްފައިވާކަމަށް މުނާ ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާމެދު ޢަމަލުކުރެވެމުންދާގޮތް ބަލައި، އެކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި އެކުދިން ބަލަހައްޓާ ތަންތަނަށް ޒިޔާރާތްކޮށް ޚާއްޞަ މަސައްކަތްތަކެއް ވަނީ މިއަހަރު ކޮށްފައިވާކަމަށްވެސް މުނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ވަރަށް ބޮޑު އިންސައްތައަކީ ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީ މަސައްކަތްތެރިން. މަސައްކަތްތެރިންނަކީ ޤައުމުގެ ތަރައްޤީގެ ވަރަށް މުހިންމު ޙިއްސާދާރުން. ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދައުލަތުގެ ކަމާގުޅޭ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް މިކޮމިޝަނުން އަބަދުވެސް ބަލަމުންދޭ. އަދި އެމީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދެމުންދާކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ މުޢައްސަސާތަކާ ބައްދަލުކޮށް، އިސްލާޙްކުރަންޖެހޭ ކަންތައްތަކާގުޅޭގޮތުން މިއަހަރުވެސް ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދެވިފައިވޭ." އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ.


މުނާގެ ޚިޠާބުގައި އިންސާނީ ޙައްޤުތަކަށް ރައްޔިތުން ހޭލުންތެރިކުރުވާ، ޙައްޤުގެ ޝިޢާރުތައް ނެގެހެއްޓުމުގައި އިސްކޮށް ޙަރަކާތްތެރިވާނެ ފަރާތްތަކެއް ކޮންމެ ރަށެއްގައިވެސް ތިބުމަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް އަމާޒްކޮށް، މީހުން ބިނާކުރުމަށް ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިންގ ޕްރޮގްރާމެއް މިހާރު ދަނީ ފަރުމާ ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް، އެ ކޮމިޝަންގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި މިއަހަރުވަނީ އެ ޕްލޭނަށް ޢަމަލުކުރަން ފަށާފައިކަމަށްވެސް މުނާ ވިދާޅުވިއެވެ. މިއާއެކު ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ރާވާލެވި، އެއް އަމާޒަކަށް މަސައްކަތްތައް ބައްޓަންކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އޭ.ޕީ.ޓީ) އާއެކު އެމް.އޯ.ޔޫއެއްގައި މިއަހަރު ސޮއިކޮށްފައިވާކަމަށާއި، މިއ ެއްބަސްވުމުގެ ދަށުން އޭ.ޕީ.ޓީއާ ގުޅިގެން ޖިނާޢީ ޢަދުލުގެ ނިޒާމްގައި ތިބި އަންހެނުނަށް ޚާއްޞަކޮށްގެން އެމީހުންގެ ޙާލަތު ގާތުން ބަލައި، އެމީހުންނަށް ޖިނާޢީ ޢަދުލުގެ ނިޒާމްގެ ތެރޭގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ ޙިއްސާކޮށް އެކަންކަމަށް ޙައްލުހޯދުމަށް ދައުލަތަށް ހުށަހެޅޭނެކަމަށް މުނާ ވިދާޅުވިއެވެ.

"ހައްޤުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު އަޅުގަނޑުމެން ޤަބޫލްކުރަންޖެހޭ ޙަޤީޤަތަކީ ހަމަ ކޮންމެ ހައްޤަކާއެކު ޒިންމާތަކެއް ވާކަން. ތިމާގެ ޙައްޤުތަކެއް ވާފަދައިން، އަނެކާގެ ޙައްޤުތަކެއްވެސް ވާކަން. ތިމާގެ ހައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަނެކާގެ ހައްޤުތަކަށް އިހްތިރާމްކުރަންޖެހޭކަން. އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ޞުލްޙަވެރި، ރައްކާތެރި މުޖުތަމަޢުއަކަށް ހެދޭނީ މިފަދަ ކަންކަމަށް ޢާއްމުން ހޭލުންތެރިވެ، ޒިންމާދާރު މުޖުތަމަޢުއެއް ބިނާކުރެވިގެން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް، ދައުލަތުގެ ތިންބާރުންވެސް މަސައްކަތްކުރުމަކީ މުހިއްމުކަމެއް. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް ނިގުޅައިނުގަނެވޭނެގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް، ޚާއްޞަކޮށް އަމަން ބަލަހައްޓަވާ ފަރާތްތަކުން ޢަމަލު ކުރުމަށާއި ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ސަމާލުކަން ދެއްވުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރަން." އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 10 ޑިސެންބަރު 1948 ގައި އ.ދ. ޢާންމު މަޖިލީހުގެ ޖަލްސާއިން އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރަކުންނެވެ.