ޚަބަރު

ކަލިނަރީ ވޯލްޑްކަޕުގެ 5 ގޯލްޑް މެޑެލާއެކު ރާއްޖެއަށް ޚާއްޞަ ޝަރަފެއް


ކަލިނަރީ ވޯލްޑްކަޕް 2022ގައި ބައިވެރިވި ރާއްޖޭގެ ޝެފުންގެ ޓީމުން ރާއްޖެއަށް ރީތި ނަން ހޯދައިދީ، ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

ކަލިނަރީ ވޯލްޑްކަޕްގައި މިފަހަރު ބައިވެރިވެފައިވަނީ ހެރިޓެންސް އާރަށް މޯލްޑިވްސްއިންނެވެ. މުބާރާތުން ގިނަ މެޑަލްތަކެއް ހޯދާ މިޓީމު މިހާރުވަނީ ރާއްޖެއަށް އައިސްފައެވެ.

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރަކު ލަގްޒަމްބަރގްގައި ކުރިއަށްގެންދާ ވިލުއާއި ބުޝް ކަލިނަރީ ވޯލްޑްކަޕަކީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެވެ.

މިއަހަރުގެ ކަލިނަރީ ވޯލްޑްކަޕް ކުރިއަށްގެންގޮސްފައިވަނީ ނޮވްމެބަރު މަހުގެ 26 އިން 30ގެ ނިޔަލަށެވެ. މިއަހަރުގެ ކަލިނަރީ ވޯލްޑް ކަޕްގައި ރާއްޖެއިން ތަމްސީލުކޮށްފައިވަނީ ހެރިޓެންސް އާރަށް މޯލްޑިވްސްގެ 7 ޝެފުންނެވެ. މިޓީމުންވަނީ މުބާރާތުގައި 3 ކެޓަގަރީއަކުން ވާދަކޮށްފައިވެއެވެ. މިއިން ކޮންމެ ކެޓެގަރިއެއްގައި 15 ޓީމުން ބައިވެރިވެވައިފާއިރު ރާއްޖޭގެ ޓީމުންވަނީ ކޮންމެ ކެޓަގަރީއަކުންވެސް މުބާރާތުގައި ވާދަކޮށް ކާމިޔާބީތައް ހާސިލުކޮށްފައެވެ.


އެގޮތުން ރާއްޖޭގެ އާރަށުގެ ޝެފުންގެ ޓީމުންވަނީ 5 ގޯލްޑް، 4 ސިލްވަރ އަދި 4 ބްރޯންޒް މެޑަލް ހޯދާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިމުބާރާތުގައި ވާދަކުރި ހެރިޓެންސް އާރަށް މޯލްޑިވްސްގެ ކޯޕަރޭޓް ޝެފް އަދި ޖެނެރަލް މެނޭޖަރ ލަލިތް ގުނަސެކަރަ ވިދާޅުވީ މިއީ ވަރަށް ތަފާތު ގިނަ މީހުންގެ މަސައްކަތްތައް ބަލާލަން ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއްކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޝެފުންގެ މަސައްކަތް ފެނި އެފަދަ ވާދަވެރި މުބާރާތަކުން ވަނަތަކެއް ލިބިގެން ދިޔުމަކީ އުފާވެރި އަދި ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.


ހެރިޓެންސް އާރަށުންވަނީ މީގެކުރިން ކަލިނަރީ އޮލިމްޕިކްސްގައިވެސް ބައިވެރިވެފައެވެ.

މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ޝެފުންނަށް ދުނިޔޭގެ އެންމެ ވާދަވެރި މާޙައުލުން އިތުރު ތަޖުރިބާތަކެއް ލިބި އޭގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާކަން އެރިސޯޓުގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ. އާރަށުގެ ޓީމުން ކަލިނަރީ ވޯލްޑްކަޕްގައި ހޯދި ކާމިޔާބީ އެރިސޯޓުގެ މެނޭޖްމަންޓުންވެސްވަނީ ފާހަގަކޮށްފައެވެ.

ދަ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ ފަރާތުން ބާއްވާ މިމުބާރާތަކީ ކަލިނަރީގެ ދާއިރާއިން ބާއްވާ މިފަދަ އެންމެ ޝަރަފްވެރި މުބާރާތެވެ. 1972 ވަނަ އަހަރުން ފެށިގެން ކޮންމެ 4 އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ މިވޯލްޑްކަޕްގެ މިއަހަރުގެ މުބާރާތަކީ މިފަދަ 14 ވަނަ ކަލިނަރީ ވޯލްޑްކަޕް މުބާރާރެވެ.