ޚަބަރު

ޖަލަށް ފޯނާއި ސިމްކާޑު ވަންދަން އުޅުނީ ފައިވާނުގެ ދަށްފުށް ކަފާލައިގެން


ބަންދު މީހަކު ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑު އެތެރެކުރަން މަސައްކަތްކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓުގަައި ވަނީ މިކަން ކުރަން މަސައްކަތް ކުރި މީހާގެ ފައިވާނުގައި އެތަކެތި އެތެރެކުރަން އުޅުނު ގޮތާއި ފޮޓޯވެސް ހިއްސާ ކުރައްވާފައެވެ.

ސީޕީ ވިދާޅުވީ، އެމީހާ ކޯޓަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އޭނާއާއި ބައްދަލު ކުރި މީހަކު ވަނީ އަރައިގެންހުރި ފައިވާން ބަދަލުކޮށްފައިކަމަށެވެ. އޭނާއާއި ފައިވާން ބަދަލުކުރި މީހާގެ ފައިވާނުގެ ދަށްފުށް ކަފާލައި ފޯނަކާއި، ސިމް ކާޑަކާއި ޗާޖަރެއް އޮތްލާފައި އޮތްކަމަށް ސީޕީ ވިދާޅުވިއެވެ. މިހާރު މިތަކެތު ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ސިޕީ ވިދާޅުވިއެވެ.


މަކަރާއި ޙީލަތުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ހިންގާ ކުށްތަކާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގުމަށް ކުރާ ކުށްތަކާއި ދެކޮޅަށް، ކ. މާފުށީ ޖަލުގައި ޚާއްޞަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ސަލާމަތީ ޚިދުމަތްތަކާއި ގުޅިގެން ވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހިންގާފައެވެ.

މި އޮޕަރޭޝަނުގެ ތެރޭގައި ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިފަދަ މަނާ ތަކެތި ހޯދާފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ. ނަމަވެސް ޖަލުން ހޯދާފައިވަނީ ކިހާ ޢަދަދެއްގެ މަނާ ތަކެއްޗެއްކަމަށް އެ ސާރވިސްއިން ހާމަކުރައްވާފައެއްނުވެއެވެ.