ވިޔަފާރި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހެދިކާއާއި ލުއިކާނާ ވިއްކާނެ ތަންތަން ކުއްޔަށް ދޫކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ 4 "އަރބަން ޝެކް" ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހުޅުވާލައިފިއެވެ.

މި އަރބަން ޝެކްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަރބަން ޝެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މި ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެކަމަށެވެ. އަރބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންނެވެ. އަދި އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ޚިދުމަތްދޭން ފަށަންވާނެކަމަށްވެސް އެޗް.ޑީ.ސީން ވަނީ ވިދާޅުވެފައެވެ.

މި މުއްދަތު ތެރޭގައި ޚިދުމަތްދޭން ނުފަށައިފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ހުޅުމާލޭގެ ނެއިބަރހުޑް 6 އަކުން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުޞޫލުން ވިއްކުމަށް އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށްވެސް އެޗް.ޑީ.ސީން ވަނީ ހުޅުވާލާފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކުރެވިފައިވާ ޖުމްލަ 4 އަރބަން ކިއޮސްކެކެވެ.

މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ޚިދުމަތް ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެކަމަށާއި، އެހެންނަމަވެސް މި ޚިދުމަތްތައް ގުޅުމާއި، ޚިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަންވާނެކަމަށް އެޗް.ޑީ.ސީން ވަނީ ވިދާޅުވެފައެވެ.

މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ޚިދުމަތް ދެވޭނެއެވެ. އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށް އެޗް.ޑީ.ސީން ދަނީ މަސައްކަތް ކުރަމުންނެވެ.