ޚަބަރު

ބަޣާވާތަކުން ޖަރުމަނު ސަރުކާރު ވައްޓާލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި


ބަޣާވާތަކުން ޖަރުމަނު ވިލާތުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، ޤާނޫނު ހަދާ މަޖިލީހަށް ޓެރެރިސްޓް ހަމަލާތަކެއް ދޭން ރާވަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ. ޖަރުމަނުގެ ފުލުހުންނާއި ޓެރެރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ފައުޖުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިހާތަނަށް 25 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

3,000އަށްވުރެ ގިނަ ފުލުހުން ބައިވެރިވި މި އޮޕަރޭޝަންގައި ޖަރުމަނުގެ އެކި ކަންކޮޅުތަކުގައި 130އަށް ވުރެ ގިނަ ޢިމާރާތް ވަނީ ބަލައި ފާސްކޮށްފައެވެ. މިއީ، ފުލުހުން އެ ޤައުމުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންނާ ސުވާލުކޮށް، ތަހުޤީޤު ފަށާފައިވާ ކަމުގައި އެ ޤައުމުގެ ފުލުހުން ބުނެއެވެ.

ޖަރުމަނުގެ އިންތިޚާބީ ސަރުކާރު ބަޣާވާތަކުން ވައްޓައިލަން މަސައްކަތް ކޮށްފައި ވަނީ "ސިޓިޒަންސް އޮފް ދަ ރައިކް" ކިޔާ ޖަމާޢަތަކުން ކަމުގައި ފުލުހުން ބުނެއެވެ. އަދި، ހަތިޔާރާ އެކު ޤާނޫނު ހަދާ މަޖިލީހަށް ވަދެ، ލޭއޮހޮރުވުންތައް ހިންގަން އެ ޖަމާޢަތުން ރާވާފައިވާ ކަން ތަހުޤީޤަށް ހާމަވެފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

މި ޖަމާޢަތަކީ 2021ވަނަ އަހަރުގެ ނޮވެންބަރު މަހު އުފައްދާފައިވާ ޓެރެރިސްޓް ޖަމާޢަތެއް ކަމަށާއި، އެ ހިސާބުން ފެށިގެން ބަޣާވާތްކޮށް ސަރުކާރު ވައްޓައިލަން އެ ޖަމާޢަތުން ރާވަމުން ގޮސްފައިވާ ކަމުގައި ޖަރުމަނުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. މި ޖަމާޢަތުގެ އިސް ދެ މެންބަރަކު ހައްޔަރު ކޮށްފައި ވަނީ އޮސްޓްރީޔާ އަދި އިޓަލީ ވިލާތުންނެވެ.

މި ޖަމާޢަތަކީ ނާޒީންގެ ވެރިކަމުގެ ސިޔާސަތުތަކަށް ބޯލަނބާ ޖަމާޢަތެއް ކަމަށާއި، ހައްޔަރުކޮށްފައިވާ މި ޖަމާޢަތުގެ މެންބަރުންނަކީ ޖަރުމަނުގެ ޤާނޫނު އަސާސީއާއި އިންތިޚާބީ ސަރުކާރު ޤަބޫލުކުރާ ބަޔެއް ނޫން ކަމުގައި ވެސް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އަދި، އެއީ ލޭއޮހޮރޮވުމަށް ހިތްވަރުދޭ ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައި ވެސް އެ އިދާރާއިން ސިފަކުރެއެވެ.

ރަޝިޔާގެ ރައްޔިތުންތަކެއް އެ ޖަމާޢަތަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ބަޣާވާތަށް ތައްޔާރުވުމުގެ ގޮތުން އެ ޖަމާޢަތުގެ މެންބަރުން ހަތިޔާރު ހޯދައި، ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމުގައި ވެސް ޖަރުމަނުގެ އިދާރާތަކުން ބުނެއެވެ. އެ ޖަމާޢަތަށް ތާޢީދު ކުރާ ކަމަށް ބެލެވޭ މެންބަރުންގެ އަދަދު 20,000އިން މައްޗަށް އަރާ ކަމަށް ބެލެވޭއިރު، މީގެ ތެރެއިން 2,000އަށްވުރެ ގިނަ މެންބަރުންނަކީ ލޭއޮހޮރޮވުންތަކަށް ތާޢީދުކޮށް ހިތްވަރުދޭ މީހުން ކަމުގައި ވެސް ޖަރުމަނުގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް މި ޖަމާޢަތަށް ތާޢީދުކުރާ ބަޔަކު ވަނީ ޓެރެރިޒަމްގެ އަމަލުތަކެއް ހިންގަން މަސައްކަތް ކޮށްފައެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅެ ހެދުމުގެ ގޮތުން އެ ޖަމާޢަތުން މަސައްކަތް ކޮށްފައި ވަނީ ޖަރުމަނުގެ ޞިއްޙަތާ ބެހޭ ވަޒީރު ރަހީނު ކުރުމަށެވެ. ނަމަވެސް، ޖަރުމަނުގެ ފުލުހުން ވަނީ އެ އަމަލު ހިންގުމުގެ ކުރިން އެ ކަން ހުއްޓުވާފައެވެ.