ޕެރޫގެ ރައީސް ޕެދްރޯ ކެސްޓިއްޔޯގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ވެރިކަމުން ދުރުކޮށްފިއެވެ. ކެސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ ޕެރޫގެ ޤާނޫނު ހަދާ މަޖިލީސް އުވައިލަން މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމުން ދުރުކޮށް، އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ކެސްޓިއްޔޯގެ ބަދަލުގައި ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ އުމުރުން 60 އަހަރުގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ދީނާ ބޮލުއަރްތޭއެވެ. އޭނާއަކީ މި މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. ކަސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްވުމުގެ ކުޑަ ވަގުތުކޮޅެއް ފަހުން ބޮލުއަރްތޭ ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ.
ކެސްޓިއްޔޯ ޕެރޫގެ ޤާނޫނު ހަދާ މަޖިލީސް ކަމުގައިވާ ކޮންގްރެސް އުވައިލަން މަސައްކަތް ކުރައްވާފައި ވަނީ، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރުމުންނެވެ. މިއީ، އޭނާއަށް އިތުބާރު ނެތް ކަމަށް ކަނޑައަޅައި، މަޤާމުން ވަކި ކުރުމަށް ކޮންގްރެސްއިން މަސައްކަތް ކުރި ތިންވަނަ ފަހަރެވެ.
މި މައްސަލައިގައި ކޮންގްރެސްއިން ވޯޓަށް އަހަން ތައްޔާރުވުމުން 53 އަހަރުގެ ކެސްޓިއްޔޯ ވަނީ ކޮންގްރެސް އުވައިލައްވާފައިވާ ކަން ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވަމުން އިޢުލާނު ކުރައްވާފައެވެ. އަދި، ޕެރޫގައި ކުއްލި ހާލަތެއް އިޢުލާނު ކުރައްވައި، ކަރފިޔުއެއް އިޢުލާނު ކުރެއްވިއެވެ. އަދި، އޭނާ ވެރިކަން ކުރައްވާނީ ރިޔާސީ ޤަރާރަކުން ލިބިދޭ ބާރުގެ ދަށުން ކަމުގައި އިޢުލާނު ކުރެއްވިއެވެ.
ނަމަވެސް، ކޮންގްރެސްއިން ޤަބޫލު ކުރީ މިއީ ބަޣާވާތެއްގެ ސިފައިގައެވެ. ކެސްޓިއްޔޯ ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރުގެ ކުޑަ ވަގުތުކޮޅެއް ފަހުން ކޮންގްރެސްގެ މެންބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ހާޒިރުވެ، ކުއްލި ބައްދަލުވުމެއް ފަށާފައެވެ. އަދި، ކެސްޓިއްޔޯއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އަހައި، ފާސް ކުރިއެވެ.
ކެސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވީ، ޕެރޫގެ ޤާނޫނު ހަދާ މަޖިލީހުގެ 130 މެންބަރުންގެ ތެރެއިން 101 މެންބަރެއްގެ އަޤުލަބިއްޔަތުންނެވެ. މި ކަމާ މެދު ވޯޓަށް އަހާފައި ވަނީ، ކުރިން ހަމަޖެހިފައިވާ ވަގުތަށްވުރެ ކުރިންނެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ކެސްޓިއްޔޯއާ ދެކޮޅަށް ހިންގަމުންދާ ހަ ތަހުޤީޤަކާ ގުޅިގެންނެވެ. އެކި މައްސަލަތަކާ ގުޅިގެން ކެސްޓިއްޔޯ ވަނީ ފަސް ފަހަރެއްގެ މަތިން އޭނާގެ ކެބިނެޓު ވެސް މުޅިން ބަދަލު ކުރައްވާފައެވެ. އަދި، އޭނާގެ ވެރިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕެރޫގައި މުޒާހަރާ ކުރަމުންނެވެ.
މިއީ، 2018ވަނަ އަހަރަށް ފަހު ޕެރޫގެ ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަޤާމުން ވަކި ކުރި ތިންވަނަ ފަހަރެވެ. ކެސްޓިއްޔޯ މަޤާމުން ވަކިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުތާ ދެ ގަޑިއިރު ފަހުން ބޮލުއާރްތޭ ވަނީ ކޮންގްރެސްގެ ކުރިމަތީގައި ރައީސާ ކަމުގެ މަޤާމުގެ ހުވާ ކުރައްވާފައެވެ. އޭނާ ވެރިކަން ކުރައްވާނީ ކެސްޓިއްޔޯގެ ރިޔާސީ ދައުރު ނިމެންދެން، 2026 އަހަރުގެ ޖުލައި މަހާ ހަމައަށެވެ.
ޕެރޫއަކީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި، ހަމަނުޖެހުން ބޮޑު ޤައުމެކެވެ. 2020ވަނަ އަހަރުގެ އެންމެ ފަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ކަމުގެ މަޤާމާ ތިން ބޭފުޅަކު ހަވާލުވިއެވެ. އަދި، ބޮލުއާރްތޭއަކީ 2016ވަނަ އަހަރަށް ފަހު ޕެރޫގެ ރައީސް ކަމުގެ މަޤާމު ފުރުއްވާ ހަވަނަ ބޭފުޅާއެވެ.