ޚަބަރު

ފިޝަރީޒް މިނިސްޓަރ ހޯއްދަވައިދެއްވީ "ދައްކަން އުނދަގޫ ވާހަކަ" ދެއްކޭނެ ފުރުޞަތު


ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އަދިވެސް ގިނަ މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެ މައްސަލަތައް ހައްލުވާނީ އެ މައްސަލަތަކުގެ ވާހަކަ ދެއްކޭނެ ފުރުޞަތެއް މަސްވެރިންނަށް ފަހިވެގެން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ މޯލްޑިވްސް ފިޝަމެންސް ފޯރަމް ރޭ ވަނީ ފަށާފައެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރގެ ވާހަހަކަފުޅުގައި ރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތައް ސިފަކުރެއްވީ ދައްކަން އުނދަގޫ ވާހަކަތަކެއްގެ ގޮތުގައެވެ. އެކަމަކު އެ ވާހަކަތައް ދައްކައިގެން ނޫނީ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުމާއި، ހައްލު ނެތްކަން ފާހަގަކުރައްވާ މިިނިސްޓަރ ވަނީ މި ފޯރަމަކީ މަސްވެރިންގެ ކަންބޮޑުވުމާއި މައްސަލަތައް ހިއްސާކޮށް، އެ މައްސަލަތައް ހައްލުކުރަން ލިބޭ ފުރުޞަތެއް ކަމަށް ވިދާޅުވެފައެވެ.

"މި ބައްދަލުވުން ވާންޖެހޭ ވަރަށް މިނިވަންކަމާއެކު ވާހަކަދައްކަން ބޭނުންވާ ހުރިހާ މަސްލަހަތުވެރިންނަށް އެބަޔަކު ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުޞަތު އޮންނަ ބައްދަލުވުމަކަށް. އެގޮތަށް އެކަން ކޮށްގެން ނޫނީ އަޅުގަނޑުމެން މަސްވެރިކަމާ ބެހޭގޮތުން މި ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި، އެކަން ހައްލުކުރުމަށް ކަމާ ބެހޭ އެހެން ފަރާތްތަކަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭކަށް ނޭނގޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މިހާރުވެސް މަސްވެރިންގެ ތެރޭގައި އޮންނަ ބޮޑެތި ކަންބޮޑުވުންތަކާއި މައްސަލަތަކަކީ މިގޮތަށް އެކަށީގެންވާ ގޮތެއްގައި މުއާމަލާތްކުރެވި ކަންކަން ހިއްސާ ނުކުރެވޭތީ ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ. މައްސަލަތަކުގެ ޒިންމާ އެކަކު އަނެކަކު ބޮލުގައި އަޅުވައި ނުރުހުންވުމުގެ ބަދަލުގައި މިފަދަ ފޯރަމްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެކަންކަމުގެ ހައްލާ ދިމާއަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

"މި ފޯރަމަކީ ހަޤީޤަތުގައިވެސް ދައްކަން އުނދަގޫ ވާހަކަތަކެއް ދައްކަން ހުޅުވާލާ ދޮރެއް. އެބަހުރި ދައްކަން އުނދަގޫ ވާހަކަ. އެވާހަކަތައް ދެއްކީމަ، ހާއްސަކޮށް އޮޅުވާނުލާ ދެއްކީމަ އެއްބަޔަކު އަނެއް ބަޔަކު ލޭ ހޫނުވެ، އަތް އިސްކުރެވި ފަހުން އެކަމާ މެދު ވިސްނަން ޖެހޭ ކަހަލަ ކަންކަން ހުރޭ. އެކަމަކު އެވާހަކައެއް ނުދެއްކީމަ އެބަޔަކަށްޓަކަ ކުންފުނިތަކުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދެވޭ ކަންކަން ހުރޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ފޯރަމްގެ ތެރޭގައި ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި މަސްވެރިން ދައްކާ ހުރިހާ ވާހަކައަކީވެސް ސަރުކާރުން ކަނުލާ އަޑު އަހާ އެކަންކަމުގެ ހައްލު ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރެސްމާތޮޑާގައި ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މި ފޯރަމް ކުރިއަށްގެންދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ.