ޚަބަރު

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް ރައީސް ނަޝީދު


އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަން، އޭޕީޑީޔޫގެ ޗެއަރމަނަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިއެވެ. އެމަނިކުފާނު އެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ އެ ޔޫނިއަންގެ މެންބަރުންގެ ތާޢީދާއެކުއެވެ.

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް ރައީސް ނަޝީދު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، އެމްޑީޕީން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

އޭޕީޑީޔޫއަކީ ޑިމޮކްރަސީގެ އުސޫލުތައް ހިފަހައްޓާ ކުރިއަރުވަން ދުނިޔޭގެ އެކި ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުން ބައިވެރިވެގެން ހިނގާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މެންބަރެއް ގޮތުގައި ރާއްޖެއިން ހިމެނެނީ ވެރިކަންކުރާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އެކަންޏެވެ.

މިއީ އޭޕީޑީޔޫގެ ޗެއަރމަންކަން ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން އެ ޖަމްޢިއްޔާގެ ވައިސް ޗެއރަމަންކަން އެމްޑީޕީން މީގެ ކުރިން އަދާކޮށްފައިވެއެވެ. އެގޮތުން އެ ޖަމްޢިއްޔާގެ ވައިސް ޗެއާމަނަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އިންތިޚާބު ވެވަޑައިގެންފައިވެއެވެ.

އޭޕީޑީޔޫގެ މެންބަރުންގެ ގޮތުގައި އެމްޑީޕީގެ އިތުރުން މިސަރަހައްދުން ހިމެނޭ އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ތެރޭގައި އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބަރަތިޔާ ޖަނާތާ ޕާޓީއާއި، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީފަދަ ޕާޓީތައް ހިމެނެއެވެ.