ޚަބަރު

ޞައްޙަ ނޫން ފޯމުތަކުގެ މައްސަލާގައި އެއްވެސް ޕާޓިއެއް ޖޫރިމަނައެއް ނުކުރޭ


ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާސީ ޕާޓީތައް ޖޫރިމަނާކުރުމަށް ނިންމާފައިވީނަމަވެސް، ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ އިންތިޒާމެއް ނެތުމުން އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން އެޅުއްވި އެއް ފިޔަވަޅަކީ، އެފަދަ ކަމެއްކުރާ ސިޔާސީ ޕާޓީތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޢަމަލުކުރަމުން އައީ، ސައްޙަނޫން ކޮންމެ ފޯމަކަށް، ހުށައަޅާ ސިޔާސީ ޕާޓިއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި އެފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރަރ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން އަދި ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ޖޫރިިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމަކުން އޭރު ފާސްކޮށްފައިވެއެވެ.

ނަމަވެސް ޕާޓީތަކުން ހުށައަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ބައެއް އިންތިޒާމްތައް އަދިވެސް އިލެކްޝަންސް ކޮމިޝަނުގައި ޤާއިމްވެފައި ނުވާކަން އެކޮމިޝަނުން ފާހަގަކުރެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތައް ޖޫރިމަނާކުރުމަށް ކުރިން ނިންމި ނިންމުން މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައެވެ.

މި ނިންމުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވި، ސައްޙަ ނޫން ފޯމް ހުށައެޅުމުން ސިޔާސީ ޕާޓީތައް ޖޫރިމަނާކުރަން ނިންމި ނިންމުމަށް ޢަމަލު ނުކުރަން ނިންމީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހުކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފޯމުތައް ޕާޓީތަކަށް ލިބެނީ އެތައް ބަޔަކަށް ލިބުމަށްފަހުކަމަށް ވުމުން، ފޯމުތައް ސައްޙަކަން ކަށަވަރުކުރުމަށް ޕާޓީތަކަށްވެސް ދަތިވާކަން ފާހަގަކޮށްފައެވެ.

އެހެންކަމުން ޕާޓީތައް ޖޫރިމަނާކުރުމުގެ ބަދަލުގައި އިތުރު ފުރުޞަތަކަށް ޕާޓީތަކުން އެދޭކަން ފުއާދު ފާހަގަކުރެއްވިއެވެ. ފުއާދު ވަނީ ޕާޓީތަކުން ފޯމުތައް އެކޮމިޝަނަށް ހުށައަޅާއިރު، ކުރިއަށްވުރެ ސަމާލުކަންދީ، މައްސަލަތައް ވީހާވެސް ބޮޑަށް ހައްލުކުރާނެކަން ޕާޓީތަކުން ބުނެފައިވާކަމަށްވެސް ވިދާޅުވެފައެވެ.

"ވަކިވަކިން ހުރިހާ ސިޔާސީ ޕާޓީތަކާވެސް ކުރި މަޝްވަރާތަކުން، އެބޭފުޅުންގެ ކަންބޮޑުވުމަކީ ހއ..އިން އައްޑޫއާއި ހަމައަށް އެބޭފުޅުންނަށް ފޯމް ލިބެނީ ތިން ހަތަރު ފަރާތަކަށް ފޯމު ލިބުމަށްފަހު. އެހެންކަމުން ފޯމު ސައްހަކުރަން އެބޭފުޅުންނަށްވެސް އެބަ ދަތިވޭ. އަދި ޕާޓީތަކުން ވަނީ ކުރިއަށްވުރެ ބޮޑަށް މައްސަލަތައް އިޞްލާހުކޮށް، ފޯމުތައް ޗެކްކުރާނެކަމަށް ބުނެފަ. އެހެންވެ އިތުރު ފުރުޞަތެއް ދޭން ޕާޓީތަކުން އެދުމުން އެގޮތަށް އަޅުގަނޑުމެން މި ނިންމީ" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، މިއީ ޕާޓިތައް ޖޫރިމަނާކުރުމަށްވެސް އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށެވެ. އެއީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ މިވަގުތު ލިބެނީ 4 ސިޔާސީ ޕާޓިއަކަށްވުމުން، ޕާޓީތައް ޖޫރިމަނާކޮށްފިނަމަ، އެހެން ޕާޓީތަކަށް މާލީ ބުރަޔަކަށް ވާނެކަމަށްވެސް ފުއާދު ދެކެވަޑައިގަންނަވައެވެ.

މީގެ އިތުރުން ޖޫރިމަނާ ނުކުރުމަށް ނިންމި އިތުރު ސަބަބެއްކަމަށް ފުއާދު ފާހަގފަކުރެއްވީ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރެވޭނެ ބައެއް އިންތިޒާމްތައް އެކޮމިޝަނުގައި ނެތުމެވެ. އެގޮތުން ފިންގަރ ޕްރިންޓް ކަށަވަރުކުރެވޭނެ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން ފުއާދު ފާޅުކުރެއްވިއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ހުށައަޅާ ފޯމުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ސައްޙަ ނޫން ފޯމް ހުށައެޅުމުގެ މައްސަލައަށް ހައްލެއް ލިބޭކަން ފުއާދު ފާހަގަކުރެއްވިއެވެ. މިހާރު ސިޔާސީ ޕާޓިތަކަށް މެންބަރުން ވެއްދޭނީ، ފޯމުގެ ވެރިފަރާތުގެ އިތުރުން ހެކިވެރިންގެ ފިންގާ ޕްރިންޓާއި، ޕާޓިއަށް ވައްދާ މީހާގެ މަންމަގެ މަޢުލޫމާތުވެސް ފޯމުގައި ހިމެނުމުންނެވެ.

ނޭނގި ނުވަތަ އޮޅުވާލައިގެން ސިޔާސީ ޕާޓިތަކަށް ވެއްދުމުން ޖޫރިމަނާކުރާގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އެނގިވަޑައިނުގެން ޕާޓީތަކަށް ވެއްދުމުގެ މައްސަލައެއް ފެންމަތިވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓިއެއް އެބައޮތެވެ.