ޚަބަރު

ޕީކް ސީޒަނާއި ދިމާކޮށް، އެއަރޕޯޓްގައި ފަސިންޖަރުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް


ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށުމާއިގުޅިގެން ފަސިންޖަރުންނަށް ލުއިފަސޭހަކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުން ފެށިގެން ފެބްރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއާއިއެކު ރާއްޖޭގެ މައި އެއަރޕޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބާރު ބޮޑުވެގެންދެއެވެ.

ޕީކް ސީޒަން ފެށުމާއި ގުޅިގެން އެއަޕޯޓްގެ ޚިދުމަތްތައް އިތުރަށް ޚަރުދަނާކުރުމާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އިމިގްރޭޝަނުން ވިދާޅުވީ، ޕީކް ސީޒަނަސް ތައްޔާރުވުމުގެ ގޮތުން މީގެކުރިން އިމިގްރޭޗަންގެ ކައުންޓަރުތައް އިތުރުކޮށްފައިވާކަމަށެވެ. މީގެ ކުރީގައި ޑިޕާރޗާގައި ހުންނަނީ 11 ކައުންޓަރެވެ. އަދި އެރައިވަލްގައި ކުރިން ހުންނަނީ 14 ކައުންޓަރެވެ. މިހާރު، ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލުމާތުދެއެވެ.

މި ކައުންޓަރުތަކުގެ މަތީގައި ކުރިން ހުންނަ މެނުއަލް ބޯޑުތައް ޑިޖިޓަލްކޮށް، ބޭނުންވެއްޖެ ޙާލަތެއްގައި ބޯޑަށް އަރުވާ ލިޔުންތައް ބަދަލުކުރެވޭ ގޮތަށް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ފަތުރުވެރިންގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، އެއަރޕޯޓުގެ އެހެނިހެން ޚިދުމަތަތްކަށްވެސް ބަދަލުގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޑިޕާޗަރ އަދި އެރައިވަލް ހޯލްގެ ކިއުތައް މެނޭޖްކުރުމަށްޓަކައި ތަނުގެ އިންޓީރިއަރއަށް ބަދަލުގެނެސް، ކިއު ހެދުމަށް ވީހާވެސް ބޮޑު ޖާގަ ލިބޭގޮތަށް ހޯލްތައް ބައްޓަންކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލްއާއި ގުޅިގެން ކުރަމުންދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، ޑިޕާޗަރ އަދި އެރައިވަލްއަށް އިތުރުކުރެވުނު ކައުންޓަރުތަކުގައި މަސައްކަތްކުރުމަށް މުވައްޒަފުން އިތުރުކުރުމުގެ ގޮތުން، އިމިގްރޭޝަންގެ އެކި ޑިވިޜަން ތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުން ގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން އެއަޕޯރޕޯޓް އޮޕަރޭޝަންސް ތަކުގައި ހިމެނުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އަދި މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރަމުންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ފަތުރުވެރިންގެ ޕީކް ސީޒަނާއި ދިމާކޮށް އެއަރޕޯޓަށް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން، މިދިޔަ މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމް.އޭ.ސީ.އެލުން އޭރު ބުނެފައިވެއެވެ.

މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސައްވުރެ އިތުރުވެގެންދާނެއެވެ. މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓުން، 2 މިނެޓަށް ކުޑަވެގެންދާނެއެވެ.