ޚަބަރު

ހަނގުރާމައިގެ ކުރީ ސަފަށް ޒެލެންސްކީ ޒިޔާރަތްކުރައްވައިފި


ރަޝިޔާއާއި ޔޫކްރެއިން ސިފައިންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޒިޔާރަތް ކުރައްވައިފިއެވެ. ފެބުރުވަރީ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި މިހާރު އެންމެ ބޮޑަށް ހަމަލާތައް ބަދަލު ކުރަމުންދާ މައިދާނަކީ އިރުމަތީގައިވާ ޑޮންބާސް ސަރަޙައްދުގައި ހިމެނޭ ޑޮނެޓްސްކްގައެވެ.

އެ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި ޒެލެންސްކީ ވަނީ އެ ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ސިފައިންނާ ބައްދަލު ކުރައްވައި، އެ މީހުންނަށް ހިތްވަރު ދެއްވާފައެވެ. ޑޮނެޓްސްކް ސަރަޙައްދުގައި އޮންނަ ބަޚްމުތް ކިޔާ ރަށެއް ހިފުމަށް ރަޝިޔާ ސިފައިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިޔާ ސިފައިން ދާދިފަހުން ވަނީ ބަޚްމުތް ކައިރީގައި އޮންނަ ދެ އަވަށެއް ހިފާފައެވެ. އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ، ބަޚްމުތް ދިފާޢު ކުރުމަށް ކުރަމުންދާ ހަނގުރާމައަކީ ދަތި އުނދަގޫ ހަނގުރާމައެއް ކަމުގައެވެ.

ޒެލެންސްކީ ވަޑައިގަންނަވާފައި ވަނީ ޑޮނެޓްސްކްގެ ރަށެއް ކަމުގައިވާ ސްލޮވިއަންސްކްއަށެވެ. އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ޒެލެންސްކީ ވަނީ ޔޫކްރެއިނުގެ މިނިވަންކަމުގެ ދިފާޢުގައި ކުރަމުންދާ ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ ހަނދާނުގައި ބޭއްވި ސުކޫތެއްގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

"މި ވަގުތު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުން ދަނީ އިރުމަތީގައިވާ ޑޮންބާސް ސަރަޙައްދުގައި. މި ތަނަށް ޒިޔާރަތްކޮށް، މިނިވަންކަމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނާ ބައްދަލު ކުރުމަކީ އަޅުގަނޑަށް ލިބޭ ފަޚުރެއް. ކުރިއަށް އޮތް ތަނުގައި ޑޮނެޓްސްކްއާއި ލުހާންސްކްގެ އިތުރުން ކްރައިމިޔާއިން ވެސް ސިފައިންނާ ބައްދަލުވާނެ ކަމަށް އުންމީދު ކުރަން،" ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމަ ކުރީ ސަފަށް ޒެލެންސްކީ ޒިޔާރަތް ކުރައްވާފައިވާ ދަނޑިވަޅުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުއްލި ބައްލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ، ރަޝިޔާގެ ދެ ރަށަކަށް ދާދި ފަހުން ދީފައިވާ ޑްރޯން ހަމަލާތަކަކާ ގުޅިގެންނެވެ. ޑްރޯން ހަމަލާތައް އަމާޒުކޮށްފައި ވަނީ ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކަށެވެ.

މި ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ ތިން މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމުވިއެވެ. އަދި، އަސްކަރީ ދެ މަތިންދާބޯޓަކަށް ގެއްލުން ލިބުނެވެ. މިއީ، ޔޫކްރެއިނުން އަޑީގައި އޮވެގެން ދީފައިވާ ހަމަލާއެއް ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. އަދި، މިފަދަ ހަމަލާތަކުން ދިފާޢުވުމަށް އިތުރު މަސައްކަތްތައް ކުރުމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

ރަޝިޔާ ސިފައިން ފުރަތަމަ ޔޫކްރެއިނަށް އަރާފައި ވަނީ 2014ވަނަ އަހަރުއެވެ. އެ ފަހަރު އެ ޤައުމުގެ ސިފައިން ވަނީ ދެކުނުގައިވާ ކްރައިމިޔާއަށް އަތްގަދަ ކޮށްފައެވެ. އަދި، ޑޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ޑޮނެޓްސްކްއާއި ލުގާންސްކް ހިފުމަށް ވެސް މަސައްކަތް ފެށިއެވެ. އަދި، އެ ދެ ސަރަޙައްދެ ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދީ، ޔޫކްރެއިން ސިފައިންނާ ދެކޮޅަށް ތެދުވުމަށް ހިތްވަރުދިނެވެ.

ޑޮނެޓްސްކްގެ އިތުރުން ދާދި ފަހުން ޒެލެންސްކީ ވަނީ ދެކުނުގައި ޚާރްސަންއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. ޚާރްސަންއަކީ ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާ ސިފައިން އެންމެ ފުރަތަމަ އަތްގަދަ ކޮށްފައިވާ ސަރަޙައްދެވެ. ނަމަވެސް، ޔޫކްރެއިން ސިފައިން މިހާރު ވަނީ އެ ސަރަޙައްދު މިނިވަން ކޮށްފައެވެ.

ޒެލެންސްކީ މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ސްލޮވިއަންސްކްއަކީ ވެސް ކުރިން ރަޝިޔާ ސިފައިންގެ އަތްދަށުގައި އޮތް ރަށެކެވެ. އަދި، ޚާރްސަންއިން ފައިބަން ޖެހުމުން، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ސްލޮވިއަންސްކްގެ ދެކުނުން އޮންނަ ބަޚްމުތް ހިފުމަށް މަސައްކަތް ކުރަމުންނެވެ. އެއީ، ސިނާޢީ މަސައްކަތްތައް ކުރާ ސަރަޙައްދެކެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއަށް ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން އެ ޤައުމުން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތައް އަމާޒު ކުރަމުން ދަނީ ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރާ ވަސީލަތްތަކަށެވެ. ހަމަލާތަކުގައި ގެއްލުންވެ، ޔޫކްރެއިނުގެ ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ކަރަންޓުގެ ޚިދުމަތާ ނުލައެވެ.