ޚަބަރު

މިނިވަން ކަމާއެކު ނޫސްވެރިކަން ކުރުމުގައި ޒިންމާދާރުކަން އިސްކުރަންޖެހޭ: އިމްރާން


ރާއްޖޭގައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމަށް ސަރުކާރުން ދީފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޒިންމާދާރު ކަމާއިއެކު ނޫސްވެރިކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިންގެ ދައުރު" އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކުރި މިބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮގޮތުގައި ހިފުމަށާއި، ޒިންމާދާރު ކަމާއިއެކު ނޫސްވެރިކަން ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ނޫސްވެރިންނަކީ ކޮންމެ މުއައްސަސާއެއްވެސް އަދި މުޅި ދައުލަތްވެސް ޖަވާބުދާރީ ކުރުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރާ ފަރާތްކަމަށެވެ.

ރައްޔިތުންނާއި ހަމަޔަށް ތެދު މައުލޫމާތު ފޯރުކޮށް ދިނުމުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހޭ އަދި ކޮންމެ މީޑިއާއެއްގެވެސް ކޮޑުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މިސަރުކާރުން ގެނައި ބަދަލާއިއެކު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ޒިންމާދާރުކޮށް ކައުންސިލްތައް ޖަވާބު ދާރީ ކުރުމުގައިވެސް މިހާރަށްވުރެ ބޮޑު ދައުރެއް ނޫސްވެރިން އަދާކުރުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަސައްކަތްތަކާއި، ގޯސްކޮސް ހިނގާ ކަންކަމުގެ ވާހަކަވެސް ރައްޔިތުންނާއި ހަމަޔަށް ހިއްސާކޮށް ކަންކަން ރަނގަޅުމަގަށް ގެންދިއުމުގައި ނޫސްވެރިންނަކީ އެންމެ މުހިންމު ދައުރު އަދާކުރެވޭނެ ފަރާތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރަކީ ފާޑުކިޔުމާއި، ޚިޔާލުފާޅުކުރުމަށް މިވީ 17 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ނެތް މިންވަރަށް ނޫސްވެރިކަމުގެ މިނިވަންކަންދީ އެފުރުސަތު ފަހިކޮށްދިން ސަރުކާރުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ނޫސްވެރިންނަށް ލިބިފައިވާ މިނިވަންކަމާއެކު ޒިންމާދާރު ނޫސްވެރިކަން ކުރުމަކީ އޭގެ ސަބަބުން މުޅި މުޖުތަމައަށްވެސް އޭގެ ނަތީޖާ ހެޔޮގޮތުގައި ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ލާމަރުކަޒީ ދާއިރާގައާއި، ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.