ޚަބަރު

މަޖިލީހުގައި 21 މީހުންގެ ލިފްޓެއް ބަހައްޓަން، އީއައިއޭ ހަދާނެ ބަޔަކު ހޯދަނީ


ރައްޔިތުންގެ މަޖިލީހުގެ އައު ޢިމާރާތުގައި 21 މީހުންގެ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އައު ޢިމާރާތް ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ޢިމާރާތުގައި މިހާރުވެސް ދެ ލިފްޓް ހުރެއެވެ. އެއީ މަޖިލީހުގެ މުވައްޒަފުންނާއި އިދާރީ ބޭނުމަށް ބޭނުންކުރާ ލިފްޓެއްގެ އިތުރުން މެންބަރުން ބޭނުންކުރުމަށް ޚާއްޞަ ލިފްޓެކެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިޢުލާނެއްގައި ވަނީ 13 ބުރީގެ އައު އިމާރާތުގެ ހުޅަނގު އުތުރު ކަނަށްވާގޮތަށް އިމާރާތް ކުރެވޭ އެނެކްސްގެ ތެރެއިން އިމާރާތުގެ ޓެރަސް ހިމެނޭގޮތަށް ކޮންމެ ބުރިއަކަށް ދެވޭގޮތަށް 21 މީހުންގެ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.


އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ. އެގޮތުން ބީލަން ހުށަހެޅުމަށް މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށާއި، މިމަހު 19ގެ ކުރިން ބޯޑު ހުށައެޅުމަށް މަޖިލީހުގެ އިއުލާނުގައިވެއެވެ.

ރާއްޖޭގައި ޢާންމުގޮތެއްގައި އަމިއްލަ މީހުންގެ ޢިމާރާތްތަކާއި އޮފީސްތަކުގައި ބޭނުންކުރަނީ 15 ނުވަތަ 16 މީހުންގެ ޖާގައިގެ ލިފްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ޢިމާރާތާއެކު މަޖިލީހުގެ އިދާރާއަށް ކުރިން އޮތް ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިފައިބާކަމަށް އެ އިދާރާއިން ކުރިން ހާމަކުރައްވާފައިވެއެވެ.