ޚަބަރު

ތިލަފުށީ ފަޅުން ނަގާ އުޅަނދުތައް ނައްތާލަން ކޯޓު ހުއްދަ ބޭނުމެއް ނުވޭ


މާލެ އަތޮޅު ތިލަފުށީ ފަޅުގައި އަޅާފައިވާ އަދި ފެތިފައިވާ އުޅަނދުތައް ނަގާ ނައްތާލުމުގެ ހައްގު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ލިބިގެންވާކަމަށް ޝަރީޢަތުން ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ

ތިލަފުށީ ފަޅުގައި ގިނަ ދުވަސްތަކެއްވަންދެން އަޅާފައިވާ އުޅަނދުތަކާއި، ފެތިވައިވާ އުޅަނދުތައް ނެގުމަށް، އެޗްޑީސީން ކުރި އިޢުލާނާއި އެއްގޮތަށް ނުނަގާތީ، އެ އުޅަނދުތައް ނައްތާލުމުގެ ޢަމުރަކަށް އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނީ، ފަސް ފަހަރެއްގެ މަތިން އިއުލާންކޮށްގެންވެސް އެ ތަކެތި ނަގާފައި ނުވާތީއެވެ. އެޗުޑީސީން ކޯޓުގައި އެދުނީ އެ އުޅަނދުތައް ނަގައި، ނައްތާލުމުގެ ޢަމުރަކަށެވެ.

މިކަމާއި ގުޅިގެން ސިވިލް ކޯޓުން ނެރުނު ޢަމުރުގައި ވަނީ، އުޅަނދު ނަގައި ނައްތާލުމުގެ ހައްގު ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަނަށް ލިބިގެންވާކަން ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެގޮތުން އެ އުޅަނދުތައް ނަގާ ނައްތާލުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އެޗްޑީސީއަށް ދެއްކިފައިނުވާކަމަށްވެސް ސިވިލް ކޯޓުގެ ޙުކުމުގައިވެއެވެ.