ޚަބަރު

އިޓަލީވިލާތުގެ މައުންޓް ސްޓްރޮމްބޮލީ އަލިފާން ފަރުބަދަ ގޮވަން ފަށައިފި


އިޓަލީ ވިލާތަށް އައި ބިންހެލުމަކާ އެކު މައުންޓް ސްޓްރޮމްބޮލީ އަލިފާން ފަރުބަދަ ގޮވަން ފަށައިފިއެވެ. ފަރުބަދަ ގޮވަން ފަށާފައި ވަނީ އެ ސަރަޙައްދަށް އައި ރިކްޓަރ މިނގަނޑުން 4.6ގެ ބާރުގަދަ ބިންހެލުމަކާ އެކުގައެވެ. ބިންހެލުމާ އެކު ފަރުބަދައިގެ ބަޔެއް ކަނޑައިގެން ގޮސް ކަނޑަށް ވަނީ ވެއްޓިފައެވެ.

މި ހާދިސާއާ ގުޅިގެން ސުނާމީއެއް އުފެދުނު ނަމަވެސް، ސުނާމީގެ ރާޅުތައް އެއްވެސް ހިސާބެއްގެ އައްސޭރިފަށަށް ފޯރާފައެއް ނުވެއެވެ. އަދި، ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމުގައި އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ސަރވިސްއިން ބުނެއެވެ.

ސްޓްރޮމްބޮލީއަކީ ދުނިޔޭގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ. 1932ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި މި އަލިފާން ފަރުބަދައިގެ ގޮވުންތައް ވަނީ ރެކޯޑު ކުރެވިފައެވެ. މި ފަރުބަދަ އަލުން ގޮވަން ފެށުމާ އެކު، އެ ތަނުން ދިޔާ އަލިފާނާއި އަޅިޔާއި ދުން އަރަމުންދާ ކަމުގައި އިޓަލީގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

ސްޓްރޮމްބޮލީ އޮންނަނީ އިޓަލީ ވިލާތުގެ ދެކުނު ފަރާތުގެ އައްސޭރި ފަށުގައެވެ. ފާއިތުވި 2,000 އެއްހާ އަހަރުގެ ތެރޭގައި މި އަލިފާން ފަރުބަދަ މެދުނުކެނޑި ގޮވަމުން ދިޔުމުގެ ސަބަބުން، މި އަލިފާން ފަރުބަދައަށް ވަނީ "ލައިޓް ހައުސް އޮފް ދަ މެޑިޓެރޭނިއަން"ގެ ނަން ދީފައެވެ. މާނައަކީ، އަލިފާން ފަރުބަދައިން ފައިބާ އަލިފާނުގެ އަލި ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ފެނުމެވެ. އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށް ހަދާ އަލިފާން ފަރުބަދައަކީ ވެސް ސްޓްރޮމްބޮލީއެވެ.

އިޓަލީ ވިލާތުގެ ރަށެއް ކަމުގައިވާ އެއޯލިއަން އައިލެންޑް ހެދިފައި އޮންނަނީ މި އަލިފާން ފަރުބަދައިގެ މައްޗަށެވެ. ކަނޑުގެ 1,000 މީޓަރު އަޑިން ފެށޭ މި އަލިފާން ފަރުބަދައަކީ ކަނޑުގެ ލޮނުގަނޑުން މައްޗަށް 924 މީޓަރު އުހަށް އަރާ ފަރުބަދައެކެވެ.