ކުޅިވަރު

ރާމޯސްގެ ހެޓްރިކާއެކު ސްވިޓްޒަލަންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާއަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި ގޮންކާލޯ ރާމޯސް ހެދި ހެޓްރިކާއެކު ސްވިޓްޒަލަންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާމޯސްއެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗު ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭއެވެ. މި ލަނޑާއެކު ޕެޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގައި ޕޯޗުގަލަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

މެެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޕޯޗުގަލުން ވަނީ ފުލުފުލުގައި ސްވިޓްޒަލަންޑް ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ރާމޯސް ވަނީ ޕޯޗުގަލްގެ ތިންވަަނ ލަނޑު ޖަހާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު އެޓީމަށް ޖަހާދިނީ ރަފެއެލް ގުރޭރޯއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ރާމޯސް ވަނީ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޖާއޯ ފީލިކްސްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި ޕޯޗުގަލުން ޖެހި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ރަފެއެލް ލިއާއޯއެވެ.

މި މޮޅާއެކު ޕޯޗުގަލުން ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ، ޕެނަލްޓީގައި ސްޕެއިން ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދި މޮރޮކޯއާއެވެ.