ޚަބަރު

އަންނަ އަހަރުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ވިލާ ކޮލެޖުން ހުޅުވާލައިފި


ވިލާ ކޮލެޖުގެ 2023 ވަނަ އަހަރުގެ ސްކޮލަރޝިޕް ފުރުޞަތުތަކަށް ހުޅުވާލައިފިއެވެ.

ވިލާ ކޮލެޖުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދެމުންނެވެ.

އެ ކޮލެޖަށް އަންނަ އަހަރަށް، 3 ސްކޮލަރޝިޕް ދާއިރާއަކުން 7 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެއީ ވިލާ އޯޕަން ސްކޮލަރޝިޕް، ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ސްކޮލަރޝިޕް އަދި އެލަމްނައި ސްކޮލަރޝިޕްއެވެ. އޯޕަން ސްކޮލަރޝިޕްގެ 3 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ފައުންޑޭޝަން، ޑިގްރީ އަދި މާސްޓަރސް ލެވެލްގެ ފުރުޞަތު ހިމެނެއެވެ. ވިލާ ހައި ސްކޫލުން ގްރެޖްވުއޭޓްވާ ދަރިވަރުންނަށް ހުޅުވާލާފައިވަނީ ސްކޮލަރޝިޕްގެ 2 ފުރުޞަތު ހިމެނެއެވެ. މާސްޓަރސް އަދި ޑިގްރީ ފެންވަރު ހިމެނޭހެން، އެލަމްނައި ސްކޮލަރޝިޕަށް ހުޅުވާލާފައިވަނީ 2 ފުރުޞަތެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބު ވިދާޅުވީ ވިލާއިން ދެމުން އަންނަ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް، އަހަރުގެ އެކި ދުވަސްވަރު އަތޮޅުތަކުގައި ހުރި ވިލާގެ ކެމްޕަސްތައް މެދުވެރިކޮށް ހުޅުވާލަމުންދާނެކަމަށެވެ.

ޑރ.ނަޖީބު ވިދާޅުވީ ސްކޮލަރޝިޕްގެ ފުރުޞަތު މިހާރު ދެމުން އަންނަނީ، މެރިޓް އުސޫލުންކަމަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ސްކޮލަރޝިޕް ދޭ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މާލީ ޙާލަތުގެ ސަބަބުން ކިޔެވުމަށް ދަތިވެފައި ތިބި ކުދިންނަށް ޢަމާޒުކޮށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލުމަށް ބޭނުންވާ މަސައްކަތްތައް ދަނީ ކުރަމުން. އަދި ވިލާއާއި ރާއްޖެއިން ބޭރުގެ ޔުނިވަސީޓީ ގުޅިގެން ހިންގާ ކޯހަށްވެސް ސްކޮލަރޝިޕް ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން." ނަޖީބު ވިދާޅުވިއެވެ.

ވިލާގެ ސްކޮލަރޝިޕް ފުރުޞަތަށް، އަލަށް ކޮލެޖަށް އެޕްލައިކުރާ ދަރިވަރުންނާއި އަދި މިހާރު ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް ހުށައެޅޭނެއެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ.

ވިލާއިން ވަނީ އެ ކޮލެޖުގެ 2023ވަނަ ޖެނުއަރީ އިންޓޭކަށްވެސް ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާފައި އޮންނާނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިލާ ސްކޮލަރޝިޕްގެ ފުރުޞަތު މިދިޔަ 4 އަހަރުގެ ތެރޭގައި 32 ދަރިވަރަކަށް ދީފައިވެއެވެ.