ޚަބަރު

ޔަހޫދީންގެ ރައީސް ބަހުރައިނަށްފަހު އޫއޭއީއަށް


ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުގެ ރައީސް އައިޒެކް ހެރްޒޮގް ބަހުރައިނަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރަސްގެފާނާއި ވަލީއަޙުދާ ބައްދަލު ކުރައްވައިފިއެވެ. މިއީ، ޔަހޫދީންގެ ހެޑް އޮފް ސްޓޭޓް ނުވަތަ ދަޢުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ބަހުރައިނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ހެރްޒޮގް ބަހުރައިނަށް ވަޑައިގަންނަވައި އެ ޤައުމުގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އަލް-ޚަލީފާއާއި ވަލީއަޙުދު ޝައިޚް ސަލްމާން ބިން ޙަމަދް އަލް-ޚަލީފާއާ ބައްދަލު ކުރައްވާފައި މި ވަނީ 2020 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ހިމެނޭ ކަމުގައި ބަހުރައިން ނިއުސް އޭޖެންސީ (ބީ.އެން.އޭ)އިން ރިޕޯޓު ކޮށްފައިވެއެވެ. އަދި، ދިފާޢީ ކަންކަމާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ތިމާވެއްޓާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައި އިސްރާޢީލުން ބުނެއެވެ.

ޔަހޫދީންގެ ދަޢުލަތާއި ޢަރަބީންނާ ދެމެދު އޮތް ޒަމާންވީ އަދާވާންތެރިކަން ނައްތައިލާ، ސުލްޙަވެރިކަން ކުރިއެރުވުމަށް ބަހުރެއިނާއި އެކުވެރި ޢަރަބި ޢިމާރާތުގެ އިތުރުން މަޣުރިބުކަރައިން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ 2020ވަނަ އަހަރުއެވެ. އޭގެ ކުރިން މިޞްރާއި ޢުރުދުނުން ވެސް ވަނީ އިސްރާޢީލާ އެކު ގުޅުން ޤާއިމު ކޮށްފައެވެ.

ޢަރަބި ބައެއް ޤައުމުތަކުން އިސްރާޢީލާ އެކު ގުޅުން ބަދަހިކުރަން ފަށާފައިވީ ނަމަވެސް، ގިނަ ޤައުމުތަކުން އަދިވެސް އެ ކަމާ ދެކޮޅު ހަދައެވެ. މީގެ ތެރެއިން އެއް ޤައުމަކީ ސަޢޫދީ ޢަރަބިއްޔާއެވެ. އެ ޤައުމުން ބުނީ، ޢަރަބި ލީގުގެ ނިންމުމާ އެއްގޮތަށް، ފަލަސްޠީނުގެ ރައްޔިތުންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ނުހޯދެނީސް، ޔަހޫދީންނާ އެކު ސުލްޙަވުމަށް ދެކޮޅު ހަދާ ކަމުގައެވެ.

މި ކަމާ ގުޅޭ ގޮތުން ބަހުރައިންގެ ރަސްގެފާނު ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކޮށް، އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދީ، ފަލަސްޠީނަށް ސުލްޙަވެރިކަމާއި ހަމަޖެހުން ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާޢީދު ކުރުމުގައި ބަހުރައިނުން ދެމިއޮންނާނެ ކަމުގައެވެ.

ހެރްޒޮގް މިހާރު ބަހުރައިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ފަހު، އޭނާ ދެން ވަޑައިގަންނަވާނީ އެކުވެރި ޢަރަބި ޢިމާރާތަށެވެ. އިސްރާޢީލުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވެސް ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ ބަހުރައިނަށް ޒިޔާރަތެއް ކުރައްވާފައެވެ. ލަޕިދުގެ ދަތުރުފުޅުގައި ބަހުރައިނުގައި ޔަހޫދީންގެ އެމްބަސީއެއް ވަނީ ހުޅުވާފައެވެ.

އަދި، މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އިސްރާޢީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ ބަހުރައިނަށް ވަޑައިގަންނަވައި، ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.